ތިން ކިލޯގެ ޑުރަގާއެކު މިދިޔަ މަހުގެ 20ގައި ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ، މިހާރު ވެސް ބަންދުގައި ހުރި 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބިދޭސީއެކެވެ.
އޭނާ ހައްޔަރުކުރީ، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެއްޗާ އެކީގައެވެ. އޭނާއާ އެކީގައި އޭރު، ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
އެއީ، ގއ. މާމެންދުއަށް ނިސްބަތްވާ 28 އަހަރުގެ އަޒުހަދު ނަސީމެވެ. ދެ މީހުންގެ ތެރެއިން ހަނީފަކީ، އަޒުހަދުގެ މުވައްޒަފެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުކުރެވޭ ހަނީފްގެ ބަންދަށް އިތުރު 30 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. އެ އަމުރުން އެނގޭ ގޮތުގައި ކޯޓުގައި އޭނާގެ ފަރާތުން ވަނީ، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ފަރާތުން މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން މިހާތަނަށް ފުލުހުންނާއި އެޗްއާރުސީއެމްގެ ބަހެއް ލިބިފައެއް ނުވެއެވެ.