މުލަކު ކައުންސިލްގެ އޮޑިޓް: ޚަރަދާއި އާމްދަނީގެ ހިސާބުތައް ނުބެލެހެއްޓުމާއި ކޮރަޕްޝަންގެ ތުހުމަތު

މުލަކު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން: ހިސާބުތައް ނުބަލަހައްޓާ ކަމަށް ރިޕޯޓުގައިވޭ -- ފޮޓޮ/ ކައުންސިލް

މ. މުލަކު ކައުންސިލުން 2024 ވަނަ އަހަރުގެ ޚަރަދާއި އާމްދަނީގެ ހިސާބުތައް ވިޔަ މޮޑިއުލްގައި ހިސާބުކޮށް ބަލަހައްޓާފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓުތަކުގައި ބައެއް ގޯސްތައް ފާހަގަކޮށް، އެ ކަންކަން އިސްލާހުކުރަން އޮޑިޓް އޮފީހުން ލަފާދެއެވެ.

މުލަކު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ ކައުންސިލަށް 2024 ވަނަ އަހަރު ލިބުނު އާމްދަނީއާއި ކުރި ޚަރަދުގެ ހިސާބުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން 2019 ވަނަ އަހަރު އަންގާފައިވާ ގޮތަށް ވިޔަ މޮޑިއުލްގައި ރައްކާކޮށް، ބަލަހައްޓާފައިނުވާ ކަމަށެވެ. އަދި، އެ އިދާރާއިން ބޭންކް އޮފް މޯލްޑިވްސްގައި ހަދާފައިވާ ދެ އެކައުންޓްގެ ރިކޮންސިލިއޭޝަން ވެސް ހަދާފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންވެ، 2024 ވަނަ އަހަރު ނިމުނުއިރު ވިޔަ މޮޑިއުލްއިން ދައްކާ އަދަދުތަކާއި ބޭންކް ސްޓޭޓްމަންޓްގައިވާ އަދަދުތައް ދިމާނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ގޮތުން، އާމްދަނީގެ ގޮތުގައި ވިޔަ މޮޑިއުލްގައި ރިކޯޑުކޮށްފައިވާ އަދަދަށްވުރެ އެކައުންޓުގައި 13،461 ރުފިޔާ އިތުރު ކަމަށް ރިޕޯޓުގައިވެއެވެ. އަދި، ވިޔަ މޮޑިއުލްގައި ވާ އަދަދަށްވުރެ ޚަރަދުގެ ގޮތުގައި އިތުރަށް 456،653 ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، ބައެއް ބިންތައް ކުއްޔަށް ދީފައިވާ ގޮތުގެ ކަންބޮޑުވުން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ އަހަރު މުލަކު ކައުންސިލުން 22 ބިމެއް ކުއްޔަށް ދޫކުރިއެވެ. އެކަމަކު، އެ ރަށުގައި ރެސްޓޯރެންޓެއް ހިންގަން ކުއްޔަށް ދީފައިވާ ބިމެއްގެ މުއްދަތު 10 އަހަރަށް އިތުރުކޮށްފައިވަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން ހަތަރު އަހަރު އޮއްވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އެއީ، ކައުންސިލް މެންބަރަކާ ގުޅުންހުރި ވިޔަފާރިއަކުން ވިޔަފާރިކުރަމުން އަންނަ ބިމެއް ކަމަށް ރިޕޯޓުގައިވެއެވެ.

އޭގެ ފަހުން އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މުރާޖާކޮށް ބޮޑުކުރިއިރު ވެސް ދެ ބިމެއްގެ ކުލި ބޮޑުކޮށްފައިވާ ނުވާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ދެ ބިމުގެ ތެރޭގައި ރެސްޓޯރެންޓް ހަދަން ކުއްޔަށް ދީފައިވާ ބިން ވެސް ހިމެނެއެވެ.

އެހެންވެ، މި މައްސަލަ ބަލައި، އެކަމުގައި މަސްލަހަތު ފުށުއަރާ ކައުންސިލް މެންބަރު ބައިވެރިވެފައިވާނަމަ ތަހުގީގު އިދާރާއަކަށް މައްސަލަ ފޮނުވަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

comment ކޮމެންޓް