މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ނުބޭއްވޭނެ، ސަރުކާރަށް ފެންނާނީ "ލަދުގަންނަ"ވަރުގެ ނަތީޖާއެއް: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނާޒިލް: އޭނާ ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ނެގުމާ މެދު އާންމުންގެ ޚިޔާލު ހޯދަން ނަގާ ވޯޓުގައި ސަރުކާރު "ލަދުގަންނަ" ވަރުގެ ނަތީޖާއެއް ފެންނާނެ ކަމަށާ --- ފޮޓޯ/ މަޖިލީސް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ނެގުމާ މެދު އާންމުންގެ ޚިޔާލު ހޯދަން ނަގާ ވޯޓުން ސަރުކާރަށް ލިބޭނީ "ލަދުގަންނަ" ވަރުގެ ނަތީޖާއެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

އަރްމީނިއާގެ ނަން ރެޒިޑެންޓް ސަފީރުކަމަށް ޔޫއޭއީގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފްގެ ނަމަށް ރުހުންދިނުމާ ގުޅޭގޮތުން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފޮރިން މިނިސްޓްރީން މަހަކު ކުރާ ޚަރަދު 23 މިލިއަން ރުފިޔާއިން 54 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

އެެއީ އަހަރަކަށް ނަމަ 648 މިލިއަން ރުފިޔާއެވެ. ފަސް އަހަރުގެ ދައުރަކަށް ނަމަ 3.1 ބިލިއަން ރުފިޔާއެވެ.

https://sun.mv/218312

ނާޒިލް ވިދާޅުވީ، އެމްބަސީތަކަށާއި ހައިކޮމިޝަންތަކަށް ސަރުކާރުން ކުރާ ޚަރަދުގެ ނަތީޖާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެކަމަކު އެކަން މި ސަރުކާރަށް ސާފުކޮށްނުދެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ރައްޔިތުން ވޯޓުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަތީޖާ ބޮޑުކޮށް ފެންނާނެ، ލަދުގަންނަ ވަރަށް ފެންނާނެ ނަތީޖާ. އިންތިޚާބު އެއްކޮށް ނުލެވޭނެ، ނުކުރެވޭނެ، ރައްޔިތުންނެއް ވޯޓެއް ނުދޭނެ، ޚަރަދެއް ކުޑައެއް ނުކުރެވޭނެ،އިބްރާހީމް ނާޒިލް - އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު

ނާޒިލް ވިދާޅުވީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ޚިޔާލު ހޯދާ ވޯޓުގެ އިތުރުން، ލޯކަލް ކައުންސިލު އިންތިޚާބުގައި މި ސަރުކާރަކީ ރައްޔިތުން ބަލައިނުގަންނަ ސަރުކާރެއްކަން ފެންނާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.

comment ކޮމެންޓް