އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލުތަކުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަނީ އެންމެ ނުވަ ކެންޑިޑޭޓުން ކަމަށް، އެ ޕާޓީން ރޭ ބުނެފިއެވެ.
ކައުންސިލު އިންތިޚާބުގައި ޑިމޮކްރެޓްސްގެ ތެރެއިން ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 18ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.
އެހެންވެ، މިވަގުތު 2،952 މެންބަރުން ތިބި ޑިމޮކްރެޓްސްއިން ވާދަކުރަނީ ކިތައް ކެންޑިޑޭޓުންތޯ 'ސަން'އިން ސުވާލުކުރުމުން، ވ. އަތޮޅު ކައުންސިލުގެ ރައީސް އަދި އަންނަ އިންތިޚާބުގައި ވ. ތިނަދޫ ކައުންސިލު ރައީސްކަމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޝުޖާޢު ޢަލީ ރޭ ވިދާޅުވީ، ޖުމުލަ ނުވަ ކެންޑިޑޭޓަކު އެ ޕާޓީގެ ފަރާތުން ވާދަކުރާ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ، އެ ކެންޑިޑޭޓުން ޑިމޮކްރެޓްސްއިން މިފަހަރު ވާދަކުރަނީ ރ. އަތޮޅާއި ޅ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅުގެ ގޮނޑިތަކަށް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، 2023ވަނަ އަހަރުގެ ޖުލައި މަހު މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އޭރު އެމްޑީޕީގެ ސަރުކާރާ ޚިޔާލު ތަފާތުވެ، އެ ޕާޓީ ދޫކޮށް ދިޔަ މެންބަރުން ޑިމޮކްރެޓްސް އުފެއްދެވީ ޖުލައި 2023ގައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފެވެ، އަދި ނައިބު ރައީސްކަން ކުރެއްވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ.
އެ ދެ ބޭފުޅުން ހިމެނޭހެން، ޑިމޮކްރެޓްސް އުފެއްދިތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން އެމްޑީޕީއަށް ފުރަތަމަ އެނބުރި ވަޑައިގަތީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދުާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އޭގެ ފަހުން މީގެ ގާތްގަނޑަކަށް ނުވަ މަސްކުރިން، ޖޫން 17ގައި ބާކީ ތިބި މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ވަނީ ނިންމައިފައެވެ.
ކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 17ވަނަ ދުވަހުން ފެށިގެން ނިމިދިޔަ ފެބްރުވަރީގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
އެ ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހިމެނޭހެން ޖުމުލަ 2،962 ކެންޑިޑޭޓެއް ވާދަކުރާނެއެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން، ވެރިކަންކުރާ ޕީއެންސީއަށް ވަނީ އިންތިޚާބަކާ ނުލައި 69 ގޮނޑި ކަށަވަރުވެފައެވެ.