މެދުއިރުމައްޗަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރަން އެމްއޭސީއެލްއިން އެދެފި

ވެލާނާ އެއާޕޯޓުގެ ކައުންޓަރަކުން ޚިދުމަތް ދެނީ: --- ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެ ސަރަހައްދަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފު ކުރުމަށް, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކުގެ ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް ފުރަން ދިއުމުގެ ކުރިން ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެމްއޭސީއެލްއިން ވަނީ ދަތުރުވެރިން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އެއާލައިންތަކުގެ ރަސްމީ ވެބްސައިޓްތަކާއި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ފްލައިޓްގެ ވަގުތުތައް ޗެކްކުރުން ހިމެނެއެވެ. އަދި ޓުއާ އޮޕަރޭޓަރުން ނުވަތަ ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުމަށްވެސް ވަނީ އަންގާފައެވެ.

https://www.sun.mv/218500

ދަތުރުގެ ކަންކަން ދުރާލާ ރާވައި، އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓް ކެންސަލްވެފައިވޭތޯ ނުވަތަ ގަޑި ލަސްވެފައިވޭތޯ ބެލުމަކީ ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

މެދުއިރުމަތީގެ ބައެއް އެއާސްޕޭސްތައް ބަންދު ކުރުމާ ގުޅިގެން ނުފުރި އެތައް ޓޫރިސްޓުންނެއް މިހާރު ވީއައިއޭގައި އެބަތިއްބެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ފްލައިޓުތައް އަންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.

މިއަދު ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވަނީ އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނާއި، އިސްރާއީލު އަދި އެ ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް ކެންސަލްކޮށް ނުވަތަ ވައިގެ މަގުތައް ބަދަލުކޮށްފައެވެ. ޚާއްސަކޮށް މެދުއިރުމަތި ހުރަސްކޮށް ދަތުރުކުރާ ފްލައިޓްތަކަށް މީގެ އަސަރުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ބައެއް ފްލައިޓްތަކަށްވެސް މީގެ ސަބަބުން ލަސްވުން ނުވަތަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ދަތުރުވެރިންނަށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓް އިންފޮމޭޝަން ސާވިސް (އެފްއައިއެސް) ޕޯޓަލް ބޭނުންކުރުމަށް އެމްއޭސީއެލްއިން ބާރުއަޅައެވެ. ދަތުރުވެރިންނަށް fis.macl.aero މެދުވެރިކޮށް ރިއަލް-ޓައިމްކޮށް ފްލައިޓްތަކުގެ މައުލޫމާތު ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް ފްލައިޓް ފުރާ ގަޑިއާއި، ޗެކިން ކައުންޓަރު ހުޅުވޭ ގަޑި އަދި ފްލައިޓްގެ ސްޓޭޓަސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

comment ކޮމެންޓް