އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާތީ، ސައުދީ އަރަބިއްޔާގެ ވައިގެ ބަނދަރުތަކުން ފުރާ ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްތަކުގެ މައުލޫމާތު ސާފުކުރުމަށް ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން އިލްތިމާސްކޮށްފިއެވެ.
ރަމަޟާން މަހުގެ މި ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން ވެސް ވަނީ އުމްރާގެ އަޅުކަމަށް ގޮސްފައެވެ. އަދި ފަހު 15 އާ ދިމާކޮށް އުމްރާއަށް ދިއުމަށް އެތައް ދިވެހީންނެއް ވަނީ ތައްޔާރުވެފައެވެ.
ސައުދީން މި އިރުޝާދު ޚާއްސަކޮށް އަމާޒުކޮށްފައިވަނީ ހަރަމްފުޅަށް ޒިޔާރަތްކުރާ އުމްރާވެރިންނާއި އެހެނިހެން ދަތުރުވެރިންނަށެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ވާގޮތުން، ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން އެ މީހަކު ދަތުރުކުރާ އެއާލައިނަކާ ގުޅައި، ފްލައިޓް އޮތް ގަޑިއާއި ތާރީޚަށް ބަދަލެއް އައިސްފައިވޭތޯ ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއީ އެއާޕޯޓުގައި ބޭކާރު ވަގުތު ހޭދަކުރަންޖެހުމާއި ދަތުރުމަތީގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިއަދު އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާ ގުޅިގެންނެވެ. މިއަދު އިސްރާއީލުން އީރާނުގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސައުދީ އަރަބިއްޔާ ހިމެނޭހެން ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ފްލައިޓް ޝެޑިއުލްތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލްވުން ނުވަތަ ފުރާ ގަޑި ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންވެ ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓް ފަދަ މައި އެއާޕޯޓްތަކުން ވެސް ވަނީ ދަތުރުވެރިންނަށް ސަމާލުވުމަށް އަންގާފައެވެ.
އޮތޯރިޓީން އިރުޝާދު ދީފައިވަނީ:
- ދަތުރުކުރާ އެއާލައިނުގެ ރަސްމީ މައުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް މެދުވެރިކޮށް އެންމެ ފަހުގެ ޚަބަރު ހޯދުން.
- ފްލައިޓް ލަސްވެއްޖެނަމަ ނުވަތަ ކެންސަލްވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ދުރާލައި އޮޅުންފިލުވުން.
- އެއާޕޯޓަށް ދިއުމުގައި އިތުރު ވަގުތު ހޭދަވެދާނެ ކަމަށް ބަލައި، ދުރާލައި ތައްޔާރުވުން
މި ދަނޑިވަޅުގައި އޮތޯރިޓީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކެތްތެރިކަމާއެކު އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިވަޑައިގެންފައެވެ. ސަރަހައްދީ މަސްރަހު ފިނިވަންދެން މިފަދަ ބުރޫތައް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.