ނެޓްފްލިކްސްއިން ވޯނަ ބްރަދާސް ގަތުމަށް ކުރި މަސައްކަތް ހުއްޓާލުމާއެކު އެ ފުރުސަތު ޕެރަމައުންޓަށް

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ނެޓްފްލިކްސް--ފޮޓޯ/ގޫގްލް

ވޯނަ ބްރަދާސް ކުންފުނި ގަތުމަށް ޕެރަމައުންޓުން ހިއްސާއަކަށް 31 ޑޮލަރުގެ ރޭޓުން ބޮޑު އަގެއް ހުށަހެޅުމާ ގުޅިގެން، ނެޓްފްލިކްސްއިން އެ ކުންފުނި ގަތުމަށް ކުރި ބިޑް އަނބުރާ ގެންގޮސްފިއެވެ.

ޕެރަމައުންޓުގެ މި ހުށަހެޅުމަކީ މުޅި ކުންފުނި އެއްކޮށް ގަތުމަށް ހުށަހެޅި ހުށަހެޅުމެކެވެ. މި މުއާމަލާތް ކާމިޔާބުވެއްޖެނަމަ، ހޮލީވުޑްގެ އެންމެ ވަރުގަދަ ދެ ސްޓޫޑިއޯ އެއްވެ، މުނިފޫހިފިލުވުމުގެ ބޮޑު ލައިބްރަރީއަކާއި ޚަބަރު ފަތުރާ ވަރުގަދަ ނެޓްވޯކްތަކެއް އެއް ކުޑައެއްގެ ދަށަށް އަންނާނެއެވެ.

ވޯނަ ބްރަދާސް ޑިސްކަވަރީގެ ސްޓޫޑިއޯ އާއި ސްޓްރީމިންގް ވިޔަފާރި ގަތުމަށް ނެޓްފްލިކްސްއިން ކުރިން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިއުމަކީ، އެ ކުންފުނީގެ ވާދަވެރި ޕެރަމައުންޓަށް ވޯނަ ބްރަދާސްގެ މިލްކުވެރިކަން ހޯދުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ.

ވޯނަ ބްރަދާސްގެ ބޯޑުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ސްކައިޑާންސްގެ މިލްކުވެރިކަމުގައި އޮންނަ ޕެރަމައުންޓުން ހިއްސާއަކަށް 31 ޑޮލަރުގެ މަގުން ހުށަހެޅި އަގަކީ، ނެޓްފްލިކްސްއިން ކުރިން އެއްބަސްވި އަގަށްވުރެ މާ ރަނގަޅު އަގެކެވެ.

ވާނަސް ބްރަދާސް އަދި ޕެރެމައުންޓްގެ އުފެއްދުން ތަކަކީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު އުފެއްދުންތަކެއް--ފޮޓޯ/ޕިންކްވިލާ

މިކަމާ ގުޅިގެން ނެޓްފްލިކްސްއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމަށް ހަތަރު ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، ދެ ގަޑިއިރު ނުވަނީސް ނެޓްފްލިކްސްއިން ވަނީ އަގު މަތިކުރަން އިންކާރުކޮށްފައެވެ. ނެޓްފްލިކްސްއިން ބުނި ގޮތުގައި އެ އަގުގައި ކުންފުނި ގަތުމަކީ މާލީ ގޮތުން އެ ކުންފުންޏަށް ފައިދާހުރި ކަމެއް ނޫނެވެ.

ނެޓްފްލިކްސްގެ ކޯ-ސީއީއޯއިން ކަމަށްވާ ޓެޑް ސަރަންޑޯސް އާއި ގްރެގް ޕީޓާސް ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވޯނަ ބްރަދާސް ފަދަ ތާރީޚީ ބްރޭންޑްތަކެއް ހިންގުމުގެ ގާބިލުކަން އެ ކުންފުނީގައި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް މި މުއާމަލާތަކީ އެކަށީގެންވާ އަގެއްގައި ކުރެވޭނަމަ ކުރަން ބޭނުންވި ކަމެއް ކަމަށާއި، އެކަމަކު ކޮންމެ ކޮންމެ އަގެއް ކިޔާފައި ކޮންމެހެން ކުރަންޖެހޭ މުއާމަލާތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނެޓްފްލިކްސްގެ ކޯ-ސީއީއޯއިން ވަނީ ވިދާޅުވެފައެވެ. ޕެރަމައުންޓުން ވޯނަ ބްރަދާސް ގަތުމަކީ ހޮލީވުޑްގެ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.

ނެޓްފްލިކްސް އިން ހަމައެކަނި ސްޓޫޑިއޯ އާއި ސްޓްރީމިންގް ވިޔަފާރި ގަންނަން ބޭނުންވި ނަމަވެސް، ޕެރަމައުންޓުން ބޭނުން ވަނީ މުޅި ކުންފުނި އެއްކޮށް ގަތުމަށެވެ. އޭގެ މާނައަކީ އެޗްބީއޯ މެކްސް، މަގުބޫލު ޓައިޓްލް "ހެރީ ޕޮޓާ" ފަދަ މަޝްހޫރު ފިލްމުތަކާ އެކު ސީއެންއެން ވެސް ޕެރަމައުންޓުގެ ސީބީއެސް އާއި "ޓޮޕް ގަން" ފަދަ އުފެއްދުންތަކާއެކު އެއް ކުންފުންޏެއްގެ ދަށަށް އައުން ކަމަށް ނެޓްފްލިކްސްއިން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، މިފަދަ ބޮޑު ދެ ކުންފުންޏެއް އެއްވުމަކީ ވިޔަފާރީގެ ވާދަވެރިކަމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ބަލައި، ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭނެއެވެ.

ނެޓްފްލިކްސްއިން މި މުއާމަލާތުން ވަކިވުމަކީ މަސްތަކަކަށް ދެމިގެންދިޔަ ވާދަވެރިކަމަކަށް އައި ނިމުމެކެވެ. ޕެރަމައުންޓުން ހުށަހެޅި ބިޑުގެ އަގަކީ ދަރަންޏާއެކު ގާތްގަނޑަކަށް 111 ބިލިއަން ޑޮލަރެވެ. ނެޓްފްލިކްސް އިން ކުރިން ހުށަހަޅާފައިވަނީ ހިއްސާއަކަށް 27.75 ޑޮލަރުގެ ރޭޓުން، ދަރަންޏާއެކު 83 ބިލިއަން ޑޮލަރެވެ.

ވޯނަ ބްރަދާސްގެ ސީއީއޯ ޑޭވިޑް ޒަސްލަވް ވަނީ ނެޓްފްލިކްސްގެ އިސްވެރިންނަކީ ވަރަށް ފުރިހަމަ ބައިވެރިންތަކެއްގެ ގޮތުގައި ސިފަކުރައްވައި، އެ ބޭފުޅުންނަށް މުސްތަގުބަލުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޕެރަމައުންޓުން ވޯނަ ބްރަދާސް ގަތުމަށް ކުރި މަސައްކަތުގައި ކުރިން ބައެއް ހުރަސްތަކާ ކުރިމަތިވި ނަމަވެސް، މިހާރު ވޯނަ ބްރަދާސްގެ ބޯޑުގެ ވިސްނުން ވަނީ ބަދަލުވެފައެވެ. ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ނުކުރި ނަމަވެސް، ޒަސްލަވް ވިދާޅުވީ ޕެރަމައުންޓާއި ވޯނަ ބްރަދާސް އެއްވުމުން ކުންފުނީގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށެވެ.

ޕެރަމައުންޓުގެ ސީއީއޯ ޑޭވިޑް އެލިސަން ވެސް ވަނީ ވޯނަ ބްރަދާސްގެ ބޯޑުން އެ ކުންފުނީގެ ހުށަހެޅުމުގެ ފުރިހަމަކަން ގަބޫލުކުރި ކަމަށްޓަކައި މަރުހަބާ ކިޔާފައެވެ.

comment ކޮމެންޓް