ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލްނުވެ, ހިނގި އެކްސިޑެންޓްގައި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުޑަކުއްޖާ މަރުވި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ޝަރުތުތަކާއެކު، އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ދަންވަރު މި އެކްސިޑެންޓް ހިނގީ, ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަގުގެ ޕޭވްމަންޓް މައްޗަށް އަރައިގެންނެވެ. އެ ސައިކަލް ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު ވަނީ މަރުވެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސައިކަލް ދުއްވަން އިން, ރ. އިނގުރައިދުއަށް ނިސްބަތްވާ 19 އަހަރުގެ ޒުވާނެކެވެ. ފުލުހުން ކުރިން ބުނިގޮތުގައި އޭނާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭގޮތުގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު އޭނާ ވަނީ ޖަލު ބަންދުން ދޫކޮށްލައިފައެވެ.
އެ ޒުވާނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ އެކްސިޑެންޓަކީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި ހަރުކަށި ޝަރުތުތަކެއް ކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލަން އެދޭ ކަމަށެވެ.
އެ ގޮތަށް އެދުމުން ފުލުހުން ކޯޓުގައި ބުނީ ފުލުހުންނަށް އެއްބާރުލުން ދޭނަމަ އިއުތިރާޒެއް ނެތް ކަމަށެވެ.
ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަމުން ޤާޟީ ވިދާޅުވެފައިވަނީ ޝަރުތާ ހިލާފު ވެއްޖެނަމަ އަލުން ބަންދު ކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޭނާއަށް ކުރި ޝަރުތުތަކުގެ ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ.
ބާރު ސުޕީޑުގައި ވެހިކަލް ދުއްވުމަކީ ރާއްޖޭގައި އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޒުވާނުން ގިނައެވެ.