އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިސްރާއީލަށް ކުރެއްވި ދަތުރުފުުޅުގައި ދެ ގައުމުގެ ދެމެދުގައި 16 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި އިސްރާއީލުގައި މަސައްކަތް ކުރުމަށް އިތުރު 50،000 އިންޑިއާ މަސައްކަތު މީހުންނަށް ވިސާ ލިބޭ އެއްބަސްވުމެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މޯދީގެ ދަތުރުފުޅަށް ފަހު އިއްޔެ އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިސްރާއީލުން އިތުރު 50،000 އިންޑިއާ މަސައްކަތްތެރިންނަށް އެގައުމަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އޮކްޓޯބަރު 2023 އަށް ފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ގިނަ މަސައްކަތްތެރިން އިސްރާއީލަށް ވަނުން މަނާކޮށްފައެވެ. އެ ދަނޑިވަޅުގައި އިންޑިއާއިން ވަނީ އަގުހެޔޮކޮށް އިންޑިއާގެ މަސައްކަތްތެރިން އިސްރާއީލަށް ފޮނުވާފައެވެ.
މިދިޔަ އަހަރު މެދުތެރޭގައިވެސް އިންޑިއާގެ 20،000 އަށް ވުރެ ގިނަ މަސައްކަތްތެރިން އިސްރާއީލަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔަކު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރެއެވެ.
ޣައްޒާ ހަނގުރާމަ ފެށުމުގެ ކުރިން އެއް ލައްކައަށްވުރެ ގިނަ ފަލަސްތީނު މަސައްކަތްތެރިން އިސްރާއީލުގައި މަސައްކަތްކޮށްފައިވާއިރު، އިތުރު 40،000 މީހުން ވަޒީފާ އަދާކުރަމުން ދިޔައީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ކޮންޓްރޯލްކުރާ ސިނާއީ ސަރަހައްދުތަކުގައެވެ.
މިހާރު ކޮންމެ މަހަކު ގާތްގަނޑަކަށް 7،000 ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލަށް ވަނުމުގެ ހުއްދަ ލިބިފައިވާއިރު، އިތުރު 9،000 މީހުން މަސައްކަތް ކުރަނީ ގަވާއިދާ ހިލާފަށް ހިފާފައިވާ އާބާދީތަކުގައި ސިނާއީ ސަރަހައްދުތަކުގައެވެ.
އިސްރާއީލުގެ ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އިސްރާއީލުގެ އިމާާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ 29 ޕަސެންޓަކީ ފަލަސްތީނު މީހުންނެވެ. ނަމަވެސް މިހާރު އެ އެމީހުންގެ ބަދަލުގައި އިންޑިއާގެ އަގުހެޔޮ މަސައްކަތްތެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި މަހަކު އެވްރެޖްކޮށް ލިބޭ މުސާރައަކީ ގާތްގަނޑަކަށް 430 ޑޮލަރެވެ. މިއާ ހިލާފަށް އިސްރާއީލުގެ އެންމެ ކުޑަ އުޖޫރަ ދިނުމުގެ ގާވާއިދުގެ ދަށުން، ގާނޫނީ ގޮތުން ވަޒީފާ އަދާކުރާ ފަލަސްތީނުގެ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް 1،890 ޑޮލަރު ލިބޭއިރު، ހުނަރުވެރި ފަލަސްތީނުގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް މަހަކު 2،380 ޑޮލަރު ނުވަތަ އެއަށް ވުރެ ގިނަ ޑޮލަރު ލިބޭނެއެވެ.
މޯދީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް، ނެސްޓުގައި ވަނީ ތަގުރީރު ކުރައްވާފައެވެ. އެ ތަގުރީރުގައި މޯދީ ވަނީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ކުށްވެރިކުރައްވައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިފާއުކުރައްވާފައެވެ. އަދި އިންޑިއާއިން އިސްރާއީލާއެކު ސާބިތުވެ އޮތް ކަމަށް މޯދީ ވިދާޅުވިއެވެ.