ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އދ.ގެ ރެޕަޓުއާ އަލްބަނީޒްގެ އާއިލާއިން އެމެރިކާއާ ދެކޮޅަށް ދައުވާ ކޮށްފި

އދ ން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ ގެ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒް. ފޮޓޯ/ރޮއިޓާސް

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އދ ން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީޒްގެ އާއިލާއިން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ދައުވާކޮށްފައި ވަނީ އަލްބަނީސްގެ ފިރިމީހާ އާއި ދަރިފުޅެވެ. އެ ދައުވާގައި ބުނެފައިވާ ގޮތުގައި އެ އާއިލާއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ ހައްގުތަކާ ޚިލާފު އަމަލުތަކަށް ސަމާލުކަން ދިނުމުން އަލްބާނީޒްއަށް އަދަބު ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

އެމެރިކާގެ ދަތިކުރުމުގެ ބާރު ބޭނުންކޮށްގެން އިންސާނީ ހައްގުތަކާ ހިލާފުވުމުގެ ތުހުމަތުތައް ފޮރުވަން ވީތޯވެސް އެ ދައުވާގައި ސުވާލުކޮށްފައިވެއެވެ.

އަދި އެމެރިކާގެ ރައްޔިތެއްގެ މަންމައެއްގެ ގޮތުގައި އަލްބަނީސްގެ ހާލަތަށްވެސް ދައުވާގައި އަލިއަޅުވާލާފައިވެއެވެ.

ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގާނޫނީ އަދި އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ވަނީ ބުނެފައެވެ.

ގާނޫނީ އިލްމުވެރިއެއް ކަމަށްވާ އަލްބަނީޒް އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ހިލާފުވާ ކަންކަން މޮނިޓާ ކުރާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ސްޕެޝަލް ރެޕަޓުއާގެ މަގާމު އަދާކުރައްވަމުންނެވެ. އެ މަގާމަށް އޭނާ ހޮވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުންނެވެ.

ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އެ މަގާމަށް އަލްބަނީޒް ގާބިލު ނޫން ކަމަށާއި އެމެރިކާއާއި އިސްރާއީލާއި ދެކޮޅަށް ހަރަކާތްތައް ހިންގައި އެއްފަރާތަށް ޖެހިފައިވާ ކަަމަށް ތުހުމަތުކޮށް މިދިޔަ ޖުލައި މަހު އަލްބަނީޒްއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

އިޓަލީގެ ރައްޔިތެއް ކަމަށްވާ އަލްބަނީޒް އަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވާ ބޭފުޅެކެވެ. އެކަމާ ގުޅިގެން ގުޅިގެން އިސްރާއީލު ސަރުކާރާއި އެމެރިކާގައި ތިބި އެ ގައުމުގެ އެކުވެރިންގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ.

އޮކްޓޯބަރު 8، 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށި ފަހުން އަލްބަނީޒް އަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި މަގުބޫލު ނަކަމަށް ވަނީ ވެފައެވެ.

ހަނގުރާމައަށް ހަ މަސް ފަހުން 2024 ވަނަ އަހަރުގެ މާޗް މަހު އަލްބަނީޒް ވަނީ ނަސްލު ނައްތާލުމުގެ މުއާހަދާގައި ބަޔާންކޮށްފައިވާ ގޮތަށް ޣައްޒާގައި ނަސްލު ނައްތާލުމުގެ މިންގަނޑުތަކަށް ވާސިލްވެފައިވާ ކަމަށް "ގަބޫލު ކުރަން އެކަށީގެންވާ ސަބަބުތަކެއް" ހުރި ކަމަށް ރިޕޯޓެއްގައި ހެކިބަސް ދީފައެވެ.

އެ ހޯދުންތަކާއި އިސްރާއީލުން ދެކޮޅު ހަދާފައިވާއިރު، އެ ރިޕޯޓަށްފަހު އިންޒާރު ލިބިފައިވާ ކަމަށް އަލްބަނީޒް ބުނެފައިވެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގައި ހުރި އެ މީހެއްގެ މުދާ ފްރީޒްކޮށް އެމެރިކާގެ އެހެން މީހަކަށް އެ މުދާ ބޭނުންކުރުމުގެ ހުއްދައެއް ނުލިބެއެވެ.

ދެވަނަ ދައުރަކަށް އެނބުރި ވަޑައިގަތުމަށްފަހު ޓްރަމްޕް ވަނީ އަލްބާނީޒްގެ އިތުރުންވެސް އިސްރާއީލާއި އެމެރިކާގެ އަމަލުތަކަށް ފާޑުކިޔާ ބައެއް މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަދަބުގެ ގޮތުގައި ބޭނުން ކުރައްވާފައެވެ.

އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ޣައިރު ގާނޫނީ އަދި އަސާސެއް ނެތް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ތުހުމަތުކޮށް އިންޓަނޭޝަން ކްރިމިނަލް ކޯޓު ،އައިސީސީގެ ހަތަރު ފަނޑިޔާރަކަށްވެސް މިދިޔަ ޖޫން މަހު އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

comment ކޮމެންޓް