ފިޠުރު ޢީދުގެ އުފާވެރިކަމާ ގުޅިފައިވާ އެންމެ ޚާއްސަ އެއް އަޅުކަމަކީ، ޢީދު ފެށިގެން އަންނަ ހިނދު "ތަކުބީރު" ކިޔައި، ﷲ ގެ މަތިވެރިކަން ބަޔާންކޮށް އެކަމަށް އިޢުތިރާފުވުމެވެ. އަޟުޙާ ޢީދުގައި ކިޔާ ގޮތަށް ފިޠުރު ޢީދުގައި ތަކުބީރު ކިޔުމުގެ ސަގާފަތެއް، އަހުރެމެންގެ ތެރޭގައި އެހާ ބޮޑަށް ނެތް ނަމަވެސް، މިއީ ކީރިތި ޤުރުއާނާއި ސަލަފުއްޞާލިޙުންގެ ޢަމަލުފުޅުން ސާބިތުވާ ކަމެކެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿... وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ (އަލްބަޤަރާ، 185) "... ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށް ޓަކައެވެ".
މި އާޔަތުގެ ތަފްސީރުގައި މުޙައްމަދު އައްޠާހިރު އިބްނު ޢާޝޫރު (1984) ބަޔާންކުރައްވާފައި ވެއެވެ. އިސްވެ ދިޔަ އާޔަތުން އެނގޭގޮތުގައި، ރަމަޟާން މަސް ނިންމުމަށް ފަހު، ﷲ މަތިވެރިކުރުމަށް ޓަކައި ތަކުބީރު ކިޔުމަކީ، ރޯދަ ޝަރަޢަ ކުރެއްވުމުގެ މަޤްޞަދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މިތާނގައި "ތަކުބީރު" އިޝާރާތް ކުރަނީ ސީދާ ދުލުން ކިޔާ "الله أكبر" މި ކަލިމައަށެވެ.
މިއާއެކު، އިބްނު ޢާޝޫރު އިތުރަށް ތަފްސީލު ކޮށްދެއްވާ ގޮތުގައި، "الله أكبر" މި ކަލިމައިން، އިސްލާމީ ޢަޤީދާގެ މުހިންމު ޝިޢާރެއް ފާޅު ކޮށްދެއެވެ. އެއީ މީސްތަކުންގެ ތެރޭގައި ހައިބަވެތި ފަރާތްތަކެއްގެ ގޮތުގައި ބެލެވޭ (މިސާލަކަށް: ރަސްރަސްކަލުންނާއި ލީޑަރުން ފަދަ) ފަރާތްތަކާއި އަދި ބާތިލު ޢަޤީދާތަކުގައި މުޤައްދަސް ފަރާތްތަކެއްގެ ގޮތުގައި ބެލެވޭ (މިސާލަކަށް: ބުދުތަކާއި ބާތިލު އިލާހުން ފަދަ) ތަކެއްޗަށްވުރެ، ﷲ ގެ މަތިވެރިކަމާއި ކިބުރިޔާއުވަންތަކަން މަތިވެރިވެގެންވާކަން ތައުކީދުކޮށްދިނުމެވެ.
ތަކުބީރު ކިޔުމުގެ ސުންނަތާއި ޞަޙާބީންގެ ޢަމަލުފުޅު
ކީރިތި ރަސޫލާ ﷺ ފިޠުރު ޢީދު ދުވަހު އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަންނަވާ ވަގުތުން ފެށިގެން، ޢީދު ނަމާދު ކުރާ ތަނަށް (މުޞައްލާ އަށް) ފޯރުމާ ހަމައަށް ތަކުބީރު ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ (އައްދާރަޤުޠުނީ، 2/44، އަލްޙާކިމް، 1105، އަލްބައިހަޤީ، 6350). އިމާމް އައްސުޔޫޠީ އެކަލޭގެފާނުގެ "އަލްޖާމިޢުއް ޞަޣީރު" ގައި މި ޙަދީޘްފުޅު ޞައްޙަ ރިވާޔަތެއްކަމަށް ކަނޑައަޅުއްވާފައި ވެއެވެ.
ނަމަވެސް، މި ސުންނަތް ސާބިތުކޮށްދޭ އެންމެ އިތުބާރު ބޮޑު ދަލީލަކީ، ނާފިޢުގެ ކިބައިން ރިވާވެގެންވާ މަޝްހޫރު އަޘަރެވެ. އެ އަޘަރުގައިވަނީ: "ހަމަކަށަވަރުން އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހުމާ) ފިޠުރު ޢީދު ދުވަހު އަދި އަޟްޙާ ޢީދު ދުވަހުގެ ހެނދުނު (ނަމާދަށް) ވަޑައިގަންނަވާއިރު، ޢީދު ނަމާދުކުރާ ތަނަށް (މުޞައްލާއަށް) ފޯރަންދެން އަޑުހަރުކޮށް ތަކުބީރު ވިދާޅުވެއެވެ. އަދި އެއަށްފަހު އިމާމު މީހާ (ނަމާދަށް) އަންނަންދެން ވެސް ތަކުބީރު ވިދާޅުވުން ކުރިއަށް ގެންދަވައެވެ" (އައްދާރަޤުޠްނީ، 1716).
މި ބަސްފުޅުތަކުން އެނގޭގޮތުގައި، ތަކުބީރު ކިޔުން މާނަކުރެވެނީ ޢީދު ނަމާދަށް ދާ މަގުމަތީގައި އަޑުހަރުކޮށް ﷲ މަތިވެރި ކުރުމަށެވެ. މިއީ ކީރިތި ޤުރުއާނުގައިވާ "ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔައި އުޅުމަށެވެ" މި އަމުރުފުޅުގެ ޢަމަލީ ތަފްސީލެވެ.
ތަކުބީރު ކިޔާނެ ގޮތުގެ ލަފްޒުތަކަށް ބަލާއިރު، އެންމެ މަޝްހޫރުވެގެންވަނީ ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ އިބާރާތެވެ. އެއީ ((اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْحَمْدُ)) (އިބްނު އަބީ ޝައިބާ، 2/165) މިއެވެ.
ތަކުބީރު ކިޔަންވީ ވަގުތު
ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ފިޠުރު ޢީދުގެ ތަކުބީރު ކިޔުމުގެ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސޭ ހިސާބުން (ޢީދު ވިލޭރެއިން) ފެށިގެން، ޢީދު ނަމާދު ފެށުމާ ހަމައަށެވެ.
މިއީ ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ އިތުރުން، މާލިކީ މަޛްހަބުގެ ބައެއް ޢިލްމުވެރީން ބުރަވެވަޑައިގަންނަވާ ގޮތެވެ. އިމާމް ނަވަވީ (1997) އާއި އިބްނު ޤުދާމާ (1968) ބަޔާންކުރައްވާ ގޮތުގައި، ތަކުބީރު ކިޔުން ފެށޭނީ ޢީދު ވިލޭރޭ އިރު އޮއްސުމުންނެވެ. އަދި އިމާމު މީހާ ނަމާދަށް ނުކުންނަންދެން އެކަން ދެމި އޮންނާނެއެވެ.
ވީމާ، ބަޔާންވެ ދިޔަ ކަންތައްތަކަށް ސަމާލުކަން ދީގެން، ކުރިއަށް އޮތް ފިޠުރުޢީދުގައި ތަކުބީރު ކިޔުމުގެ މި މަތިވެރި ޝިޢާރު ފާޅުކޮށް ދިރުވަމާ ހިނގާށެވެ. ރޯދަ ހިފައި، ﷲ އަށް ތަކުބީރު ކިޔައި އެކަލާނގެ އަށް ޝުކުރުވެރިވާ އަޅުންގެ ތެރެއިން ވެވޭތޯ ބަލަމާ ހިނގާށެވެ.