ޑރ. ޝަމްސުލް ފަލާޙް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވިއިރު، އެ މެންބަރުން ނިސްބަތްވާ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ މެންބަރަކު އެހެން ޕާޓީއަކާ ގުޅިއްޖެނަމަ، މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށްގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ނުގެންދާތާ އަހަރެއްވީއެވެ. އެ މައްސަލައިގެ އަޑުއެހުމެއް، އެންމެފަހުން ބޭއްވީ 17 ފެބްރުއަރީ 2025 ގައެވެ. ބަންޑާރަނައިބުގެ ހުށައެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 2025 ފެބްރުއަރީ 26 އަށް އަޑުއެހުމެއް ތާވަލުކުރިއެވެ.
ނަމަވެސް، އޭގެ ކުރީ ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކޮށްލުމަށް ބިލެއް ފާސްކުރިއެވެ. 26 ފެބްރުއަރީއަށް ތާވަލުކުރި އަޑުއެހުން ފެށޭން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ. އެހާހިސާބުން، އެ މައްސަލަ ކުރިޔަކަށް ނުދެއެވެ. ކޯޓު އޮތީ ހިމޭނުންނެވެ.
އޭގެފަހުން ފެނިގެންދިއައީ، އެއް ފަނޑިޔާރަކު އިސްތިއުފާދީ، ދެ ފަނޑިޔާރުން ވަކިކޮށް، އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރިތަނެވެ. ނަތީޖާއެއްގެގޮތުން، ދުސްތޫރީ ބޮޑު މައްސަލައެއް ކުރިޔަށްދަނިކޮށް، ހަތަރު ފަނޑިޔާރުން އައްޔަނުކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ފަހިވިއެވެ. އެހާހިސާބުން، ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ މައްސަލަވެސް އޮއްބާލީއެވެ.
އަވަސް މިނެއްގައި އިންސާފު ޤާއިމުކުރުމަކީ ސުޕްރީމް ކޯޓުގެ ވާޖިބެއް
އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ޤާއިމްކުރުމަކީ، ކޯޓުތަކުގެ ވާޖިބެކެވެ. އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ލިބުމަކީ، ރައްޔިތުންނަށް ލިބިގެންވާ ހައްގެކެވެ.
ކޯޓުތަކަށް މަތިކުރެވިފައިވާ މި ވާޖިބުއަދާކުރުމުގައި، ސުޕްރީމް ކޯޓަށް މި ވާޖިބުގެ ހާއްސަކަން ބޮޑެވެ. އެހެނީ، އެއީ، އެންމެ މުހިންމު މައްސަލަތައް ކުރިޔަށްދާ، އަދި އަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ފަރާތެވެ. އެކަން އެހެން ކުރޭތޯ ކަށަވަރުކުރުމަކީ، އެ ކޯޓުގެ އެންމެ އިސް ފަރާތްކަމުގައިވާ އުއްތަމަފަނޑިޔާރުގެ ޒިންމާއެކެވެ. މި ޒިންމާ އަދާނުކުރާނަމަ އެއީ ޤާނޫނުއަސާސީއާއި ޤާނޫނު ދަމަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ފަނޑިޔާރުންނާއި އުއްތަމަފަނޑިޔާރު ކުރި ހުވަޔާވެސް ޚިލާފުކަމެކޭ ބުނެވިދާނެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރަށް އިއްޒަތް އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
މި ވާޖިބަކީ، ކޯޓާއި އުއްތަމަފަނޑިޔާރު ބޭނުންވީމާ އަދާކުރާންޖެހޭ ވާޖިބެއް ނޫނެވެ. އެކަމުގައި، އެމީހުންނަށް އިޚްތިޔާރެއް ލިބިގެނެއް ނުވެއެވެ. އަވަސްމިނެއްގައި މައްސަލަތައް ކުރިޔަށް ގެންދިއުމަކީ، ޤާނޫނުގެ ބާރާއި ޙުކޫމަތު ނެގެހެއްޓުމަށްޓަކައި ލާޒިމުކަމެކެވެ.
ލަސް ދުވެލީގެ ނޭދެވޭ އަސަރު
އެންމެންނަށްވެސް އެނގޭނެފަދައިން، އެންޓި-ޑިފެކްޝަންގެ އިސްލާހު ފާސްކުރީ، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)އަށް، ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިފައި އޮއްވައެވެ. އޭގެ އެންމެ ފާހަގަކުރެވޭ އަދި ކަންބޮޑުވާ ނަތީޖާއަކަށްވީ، މެންބަރުންގެ މިނިވަންކަން ގެއްލި، ޕާޓީތަކަށް ނުވަތަ ޕާޓީގެ ލީޑަރަށް، މެންބަރުން ކޮންޓްރޯލު ކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ މެންބަރުން، އެހެން ދިމާލަކަށް ނުދެވި، އެ ޕާޓީގައި ބަނދެލައި، ޕާޓީން ވަކިކޮށްލައިގެން މެންބަރުކަން ގެއްލިދާނެކަމުގެ ބިރު ކުރިމަތިކުރުވައިގެން، ސަރުކާރުން ބޭނުންކަމެއް ބޭނުންގޮތަކަށް ފާސްކޮށްދޭން މަޖުބޫރުވެފައިވާ މަޖިލީހެއް އުފެދިގެންދިއުމެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް
ސަރުކާރަށް މިލިބުނު ބޮޑު ބާރުގެ ބޭނުން ހިފައިގެން، ޑިމޮކުރަސީއަށް ގެއްލުންވާގޮތަށް ތަފާތު ޤާނޫނުތައް ފާސްކުރަމުން އެބަދެއެވެ. އަދި، ޤާނޫނުއަސާސީއަށްވެސް ބަދަލު އެބަގެނެއެވެ. އާދައިގެ ކަންކަމުގައެއް ނޫނެވެ. ޑިމޮކުރަސީއެއްގައި ލާޒިމުވާ މުހިންމު ކަންކަން އުވާލައި، ނުވަތަ އެކަންކަމަށް ގެއްލުންވާގޮތަށް ގެންނަ ޤާނޫނީ ބަދަލުތައްވެސް ގެންނަނީއެވެ.
މިފަދަ ދުސްތޫރީ މައްސަލައެއްގައި ގޮތް ނިންމުން ލަސްވެގެން ދިއުމަކީ، އެ ތައުނުކުރެވުނު (ޗެލެންޖުކުރެވުނު) ޤާނޫނެއް ވަރުގަދަވާގޮތަށް ނުވަތަ އޭގައިވާގޮތަށް، ސިޔާސީ ނިޒާމާއި އިޖުރާއަތްތައް ބައްޓަންކުރުމަށް ދެވޭ ފުރުސަތެކެވެ. މީގެ ސަބަބުން، މައްސަލައިގައި ގޮތް ނިންމާއިރު، އިއާދަނުކުރެވޭވަރުގެ ގެއްލުން ކުރިމަތިވެފައިވުމަކީ ވެދާނެކަމެކެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާކަމަށްބުނެ ހުށައެޅި މައްސަލައަށްވެސް އަހަރެއްވީއެވެ. ފަހުން ގޮތްނިންމާން ވާއިރަށް، ސުޕްރީމް ކޯޓެއް ވުޖޫދުގައި ނެތުމަކީވެސް ވެދާނެކަމެއް ނޫންހެއްޔެވެ!
ސުޕްރީމް ކޯޓުގެ ނަޒާހަތްތެރިކަމަށް ކުރާ ނޭދެވޭ އަސަރު
ދުސްތޫރީގޮތުން ބޮޑު މައްސަލައެއް ކުރިޔަށް ނުގެންގޮސް އަހަރެއްވީމާ، އެއީ، ޝަރުއީ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރު ކުޑަވާނެކަމެކެވެ. ސިޔާސީގޮތުން ވަކިބަޔަކަށް މަންފާވާގޮތަށް ޝަރުއީ ދާއިރާގެ މަސައްކަތާއި ދުވެލި ބަދަލުވާކަމަށް، ނުވަތަ ތާވަލުކޮށްދޭކަމަށް ރައްޔިތުން ބުނާނެ ޖާގަލިބޭ ކަމެކެވެ. ދައުލަތް ހިންގުމުގެ ބާރުތަކުގެ މެދުގައި ފުށުއެރުންތައް އަރާގޮތަށް ފާސްކޮށްފައިވާ ޤާނޫނެއްގެ މައްސަލައެއްނަމަ، ސިޔާސީގޮތުން މިނިވަންވެގެންވާ ކޯޓެއްކަން ކަށަވަރުކޮށްދިނުމަކީ، ހާއްސަ ސަމާލުކަމެއް ދީގެން ކޮންމެހެން ކުރާންޖެހޭ ކަމެކެވެ.

ރައީސް މުއިއްޒާއި އުއްތަމަ ފަނޑިޔާރު -- ފޮޓޯ: ރައީސް އޮފީސް
ޝަރުއީ ދާއިރާ މިނިވަންވުމަކީ، ނުފޫޒުތަކަށް ނުލެނބުން އެކަންޏެއް ނޫނެވެ. އޭގެއިތުރުން، އެކަށީގެންވާ އަވަސް މިނެއްގައި، ޝަރުއީ ދާއިރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަކީވެސް، މިނިވަންކަމާއެކު މަސައްކަތްކުރާ ޝަރުއީ ދާއިރާއަކަށް ވުމަށް މުހިންމު ކަމެކެވެ. އެކަން ރައްޔިތުންނަށް ގަބޫލުކުރެވޭގޮތް ހެދުމަށްވެސް މުހިންމު ކަމެކެވެ. ގެއްލުން ލިބެނީ ހަމައެކަނި ގޯސްކޮށް މައްސަލަ ނިންމައިގެނެއް ނޫނެވެ. މައްސަލަ ނުނިންމާ، މައްސަލަ ދިގުދެންމުމަކީވެސް ލިބޭ ގެއްލުމެކެވެ. ޝަރުއީ ދާއިރާމެދު އާންމުން ދެކޭގޮތް، ނުވަތަ އެ ދާއިރާގެ ތަސައްވުރަށް ލިބޭ ގެއްލުމެކެވެ.
މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭ ގެއްލުމެކެވެ. އެންޓި-ޑިފެކްޝަން މައްސަލައިގައިނަމަ، މުޅި ޤައުމަށް، ރައްޔިތު އެންމެންނަށް ލިބޭ ގެއްލުމެކެވެ.
އުއްތަމަފަނޑިޔާ ރުއަބްދުލްޣަނީ މުހައްމަދު, އައްޔަނުކުރިތާވެސް 203 ދުވަސް (6 މަހާއި 19 ދުވަސް)ވީއެވެ. ސުޕްރީމް ކޯޓަށް، ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަނުކުރިތާ ، 11 މަހާއި 6 ދުވަސް، ދެން އައްޔަނުކުރެވުނު ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި މުޙައްމަދު ސަލީމް އައްޔަނުކުރިތާ 8 މަހާއި 14 ދުވަސްވެއްޖެއެވެ. އައްޔަނުކުރެވުނު ތާރީޚުން ފެށިގެން ބެލިޔަސް، މުހިންމު އަދި އަވަސްކޮށް ގޮތްނިންމާންޖެހޭ ދުސްތޫރީ މައްސަލައެއްގައި ގޮތެއް ނިންމުން މާބޮޑަށްވެސް ދިގުލައިގެން ގޮއްސިއެވެ.
ނިންމުން
އެންޓި-ޑިފެކްޝަންގެ މައްސަލައަކީ، މުޅި ޤައުމުގެ ދުސްތޫރީ އަދި އާންމު މަސްލަހަތާ ގުޅިފައިވާ މުހިންމު މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ގެއްލި، ޤާނޫނުއަސާސީން ކަނޑައެޅި ބާރުތައް ވަކިކުރުމުގެ ނިޒާމަށް ފުށުއަރާކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ. ދުސްތޫރީގޮތުން މުޅި ނިޒާމު ބަދަލުވެގެންދާ، ނުވަތަ އެފަދަ އަސަރު އުފައްދާ މައްސަލައެއްގައި، އަޑުއެހުމެއް ނުބާއްވާ، އެއްވެސްކަމެއް ކުރިޔަށް ނުގެންގޮސް އަހަރެއް ވެގެން ދިއުމަކީ، ދުސްތޫރީ ބޮޑު ފޭލުވުމެކެވެ. ދުސްތޫރީ އިހުމާލެކެވެ. މިއީ، ރައްޔިތުންނާއި ޤައުމާއި، ދިވެހި ޑިމޮކުރަސީއަށް ދެވޭ ދެރައެކެވެ.
ހިމޭނުން ތިބުމަކީ، ވަކިއަތަކަށް ނުޖެހުންކަމަށް އެއްވެސް ފަނޑިޔާރަކު ގަބޫލުކޮށްގެނެއް ނުވާނެއެވެ.
ޕްރޮފައިލް: ޑރ. ޝަމްސުލް ފަލާޙަކީ ދުސްތޫރީ އަދި ގާނޫނީ ދާއިރާގެ ދިރާސާކުރައްވާ، އިލްމީ ޖާނަލްތަކާއި، ފޮތްތަކަށާއި، ނޫސްތަކަށް ލިޔުއްވާ ބޭފުޅެކެވެ.