ޔޫރަޕްގެ ފުރަތަމަ ސެޓެލައިޓް ޓު މޯބައިލް ޚިދުމަތް އޯ2އިން ތައާރަފްކޮށްފި

"އޯ2 ސެޓެލައިޓް"ގެ ނަމުގައި ތައާރަފްކުރި މި ޚިދުމަތް ދެނީ މަހަކު ތިން ޕައުންޑަށް ---

އިނގިރޭސިވިލާތުގެ މުވާސަލާތީ ކުންފުނި، "ވާޖިން މީޑިއާ އޯ2" އިން ޔޫރަޕްގެ ފުރަތަމަ "ސެޓެލައިޓް-ޓު-މޯބައިލް" ޚިދުމަތް ބުރާސްފަތި ދުވަހު ތައާރަފްކޮށްފިއެވެ.

މި ޚިދުމަތުގެ ސަބަބުން މޯބައިލް ނެޓްވޯކްގެ ސިގްނަލް ނުލިބޭ ސަރަހައްދުތަކުގައި ވެސް އާދައިގެ ސްމާޓްފޯން ބޭނުންކޮށްގެން މެސެޖް ފޮނުވުމާއި މެޕް ފަދަ ޚިދުމަތްތައް ބޭނުންކުރެވޭނެއެވެ.

"އޯ2 ސެޓެލައިޓް"ގެ ނަމުގައި ތައާރަފްކުރި މި ޚިދުމަތް ދެނީ މަހަކު އެންމެ ތިން ޕައުންޑް (ގާތްގަނޑަކަށް 4.06 ޑޮލަރު) އަށެވެ.

https://sun.mv/216181

އީލޮން މަސްކްގެ "ސްޕޭސް އެކްސް" ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް ނެޓްވޯކް ބޭނުންކޮށްގެން ދޭ މި ޚިދުމަތުގެ ސަބަބުން، އިނގިރޭސިވިލާތުގެ ކަވަރޭޖް 89 އިންސައްތައިން 95 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތް ބޭނުންކުރާ ފޯނުތަކަށް އާދައިގެ މޯބައިލް ނެޓްވޯކް ނުލިބޭ ހާލަތްތަކުގައި، އަމިއްލައަށް ސެޓެލައިޓާ ގުޅޭނެއެވެ. މިގޮތުން ޓެކްސްޓް މެސެޖްގެ އިތުރުން ވަޓްސްއެޕް، ފޭސްބުކް މެސެންޖާ، ގޫގުލް މެޕްސް އަދި މޫސުމާ ބެހޭ އެޕްތައް ބޭނުންކުރެވޭނެއެވެ.

މި ޚިދުމަތް އެންމެ ފުރަތަމަ ލިބިގެންދާނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތަކަށެވެ. މިއީ ޚާއްސަކޮށް ދުރު ހިސާބުތަކަށް ދަތުރުކުރާ މީހުންނާއި، ހައިކިންގް އަދި ފަރުބަދައަށް އެރުން ފަދަ ކުޅިވަރުތަކުގައި އުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ވާޖިން މީޑިއާ އޯ2 ގެ ސީއީއޯ ލޫޓްޒް ޝުލާ ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ މުވާސަލާތީ ދާއިރާއަށް އައި ތާރީޚީ ބަދަލެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން މީގެ ކުރިން މޯބައިލް ކަވަރޭޖް ނުލިބޭ ބޮޑު ސަރަހައްދަކަށް ކުއްލިއަކަށް ޚިދުމަތް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ޚިދުމަތެއް އެމެރިކާގެ ޓީ-މޯބައިލް އިން ވެސް މިދިޔަ ޖުލައި މަހު ފަށާފައި ވަނީ މަހަކު 10 ޑޮލަރަށެވެ. މީގެ އިތުރުން، އޯ2 ގެ ވާދަވެރި ވޮޑަފޯނުން ވެސް އަންނަނީ "އޭއެސްޓީ ސްޕޭސް މޯބައިލް" އާ ގުޅިގެން މިފަދަ ޚިދުމަތެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، ވޮޑަފޯނުން މި ޚިދުމަތް ރަސްމީކޮށް ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ސެޓެލައިޓް މެދުވެރިކޮށް އާދައިގެ ސްމާޓް ފޯންތަކަށް ސީދާ ސިގްނަލް ފޯރުކޮށްދިނުމަކީ ދުނިޔޭގެ މުވާސަލާތީ ދާއިރާއަށް އަންނަމުންދާ އިންގިލާބީ ބަދަލެކެވެ.

މީގެ ކުރިން ސެޓެލައިޓް ފޯނުގެ ޚިދުމަތް ބޭނުންކުރުމަށްޓަކައި އަގުބޮޑު، ޚާއްސަ ފޯނުތަކެއް ބޭނުންވި ނަމަވެސް، އާދައިގެ ސްމާޓްފޯންތައް ޖައްވުގައިވާ "ލޯ އާތު އޯބިޓް" (އެލްއީއޯ) ސެޓެލައިޓްތަކާ ސީދާ ގުޅާލެވޭ ޓެކްނޮލޮޖީއާއެކު މި ހުރަސްތައް މިވަނީ ނެތިގެން ގޮސްފައެވެ.

މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ބޭނުމަކީ މުވާސަލާތީ ޓަވަރުތައް ޖެހުމަށް ދަތި ފަރުބަދަމަތީ ސަރަހައްދުތަކާއި، ކަނޑުމަތި އަދި އެކަހެރި ސަރަހައްދުތަކުގައި ތިބޭ މީހުންނަށް ކުއްލި ހާލަތްތަކުގައާއި ދަތުރުފަތުރުގައި މެދުކެނޑުމެއް ނެތި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ސްޕޭސް އެކްސްގެ ސްޓާލިންކްގެ އިތުރުން، އެޕަލް އަދި އޭއެސްޓީ ސްޕޭސް މޯބައިލް ފަދަ ކުންފުނިތަކުން ދަނީ މުޅި ދުނިޔެއަށް މި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް