އެމެރިކާގައި ދިރިއުޅެމުންދާތާ ހަ އަހަރު ފަހުން، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް މި މަހުގެ ފަހުކޮޅު އަނބުރާ އިނގިރޭސިވިލާތަށް ބަދަލުވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޑެއިލީ ޓެލެގްރާފް އަދި ދަ ސަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ދެކަނބަލުން އެމެރިކާ ދޫކުރައްވައި ބަދަލުވެވަޑައިގަންނަވާނީ ލަންޑަނުން ބޭރުގައި ހުންނަ އަމިއްލަ ގެކޮޅަކަށެވެ. މިއީ ޝާހީ އާއިލާގެ ރަސްމީ ގެކޮޅެއް ނޫނެވެ.
މި ބަދަލުވުމާއެކު، އެ ދެކަނބަލުންގެ ދަރިކަލުން އުމުރުން ހަތް އަހަރުގެ ޕްރިންސް އާޗީ އާއި އުމުރުން ފަސް އަހަރުގެ ޕްރިންސަސް ލިލިބެޓް އަންނަ ސެޕްޓެންބަރު މަހު އިނގިރޭސިވިލާތުގެ ސްކޫލަކުން ތައުލީމު ހާސިލުކުރަން ފަށާނެއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތަށް ބަދަލުވި ނަމަވެސް، ޝާހީ އާއިލާގެ ރަސްމީ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް ހެރީ އާއި މޭގަންގެ ނެތެވެ. އަދި އެ ދެކަނބަލުން ދެމިތިބޭނީ އާންމު ރައްޔިތުންގެ ގޮތުގައެވެ.

މި ނިންމެވުމާ ގުޅޭ މައުލޫމާތު ރަސްގެފާނު ޗާލްސްއަށް އެރުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭގެ ކުރިން މިކަމުގެ އެއްވެސް މައުލޫމާތެއް ރަސްގެފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް މީޑިއާތަކުން ބުނެއެވެ. ނަމަވެސް، އަމިއްލަ ހައިސިއްޔަތުން ހެރީގެ އާއިލާއާ ބައްދަލުކުރައްވައި، ކާފަދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތަށް ރަސްގެފާނު މަރުހަބާ ވިދާޅުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓްއަށް ވެސް މިކަން މިހާރު ވަނީ އަންގާފައެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ކުރީކޮޅު ޝާހީ އާއިލާގެ އިސް މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގަތުމަށްފަހު، ހެރީ އާއި މޭގަން އެމެރިކާގެ ކެލިފޯނިއާއަށް ބަދަލުވެވަޑައިގަތީ އެ އަހަރުގެ މާޗު މަހުއެވެ. އޭގެ ފަހުން ޝާހީ އާއިލާއާއި އެ ދެކަނބަލުންނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރު ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ބޭއްވި ޖަނާޒާއަށް ފަހު، ހެރީ އާއި މޭގަން އެކުގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެއް ނުވެއެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހު ހެރީ އާއި މޭގަން ވަނީ ދަރިކަލުންނާއެކު ގްލޯސްޓާޝަޔާގައި ހުންނަ ރަސްގެފާނުގެ ހައިގްރޯވް ގެކޮޅަށް ޒިޔާރަތްކުރައްވައިފައެވެ. ޝާހީ ގަނޑުވަރުން އެ ބައްދަލުވުން ސިފަކޮށްފައިވަނީ އާއިލީ އަމިއްލަ ބައްދަލުވުމެއްގެ ގޮތުގައެވެ. މިއީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ރަސްގެފާނަށް އެ މަނިކުފާނުގެ ކާފަދަރިކަލުންނާ ބައްދަލުވެވަޑައިގަތް ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، އެ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް ބަދަލުވުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރެއްވުމުގައި ހެރީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަލާމަތީ ކަންކަމެވެ. ޝާހީ މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގަތުމާ ގުޅިގެން، ހެރީގެ އާއިލާއަށް ދެމުން އައި ސަލާމަތީ ރައްކާތެރިކަން ކުޑަކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އޭނާ ކުރެއްވި ގާނޫނީ މަސައްކަތް މިދިޔަ އަހަރު ވަނީ ނާކާމިޔާބުވެފައެވެ. އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ބުނެފައިވަނީ، ޝާހީ އާއިލާގެ ބޭފުޅުންގެ ސަލާމަތީ ކަންކަން ނިންމަނީ އެގްޒެކެޓިވް ކޮމިޓީ ފޯ ދަ ޕްރޮޓެކްޝަން އޮފް ރޯޔަލްޓީ އެންޑް ޕަބްލިކް ފިގާސް (ރަވެކް) އިން ކަމަށާއި، އެ ނިޒާމަކީ ހަރުދަނާ ނިޒާމެއް ކަމަށެވެ. ހެރީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ އަނބިކަނބަލުންނާއި ކުދިން ގޮވައިގެން އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ހުރަހަކަށްވީ ސަލާމަތީ ގޮތުން އޮތް ކަންބޮޑުވުންތަކެވެ.
އަންނަ 2027 ވަނަ އަހަރު ބާމިންހަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވިކްޓަސް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ހެރީ ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިންވިކްޓަސް ގޭމްސް ފައުންޑޭޝަންގެ ޗީފް ޕްރޮގްރާމްސް އެންޑް ސްޓްރެޓެޖީ އޮފިސަރު ޑޭވިޑް ވިސްމަން ބުނި ގޮތުގައި، އެ މުބާރާތަށް ހެރީ އަނބުރާ އިނގިރޭސިވިލާތަށް ވަޑައިގަތުމަކީ ވަރަށް އުފާވެރި ހަބަރެކެވެ. އަދި ގެ ބަދަލުކުރުމަކީ ކޮންމެ މީހަކަށްވެސް ބުރަ ކަމަކަށް ވާއިރު، އެކަން އޮމާންކޮށް ދާނެ ކަމަށާއި ކުދިންނަށް ސްކޫލުގެ މާހައުލަށް ފަރިތަވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
މި ބަދަލުވުން އިއުލާންކޮށްފައި މިވަނީ، ޑެއިލީ މެއިލް އަދި މެއިލް އޮން ސަންޑޭ ނެރޭ އެސޯސިއޭޓެޑް ނިއުސްޕޭޕާސްއާ ދެކޮޅަށް ހެރީ ހުށަހެޅުއްވި ޕްރައިވެސީ މައްސަލައެއް ހައިކޯޓުން ނާކާމިޔާބުވެފައިވާ ދަނޑިވަޅެއްގައެވެ. ހެރީ ތުހުމަތުކުރެއްވި ގޮތުގައި އެ ނޫހުން ވަނީ ގާނޫނާ ހިލާފަށް މައުލޫމާތު ހޯދާފައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. މީޑިއާތަކުން މޭގަންގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ހަބަރު ފަތުރާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މިދިޔަ ޖެނުއަރީ މަހު ކޯޓުގައި ހެރީ ވިދާޅުވެފައިވަނީ، ނޫސްތަކުން އޭނާގެ އަނބިކަނބަލުންގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށެވެ.