އިނގިރޭސިވިލާތުގެ ޓެކް ކުންފުނި "ނަތިން" އިން އެންމެ ފަހުން ނެރެން ތައްޔާރުވަމުންދާ "ނަތިން ފޯން 4އޭ" ފިޔާތޮށި ކުލައިގައި ލޯންޗުކުރާނެކަން އެކުންފުނިން ހާމަކޮށްފިއެވެ. މިއީ މި ކުންފުނީގެ ފޯނުތަކުގެ ތެރެއިން ފިޔާތޮށި ކުލައެއްގައި ނެރޭ ފުރަތަމަ ފޯނެވެ.
އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހު ބާއްވާ "ބިލްޓް ޑިފަރެންޓް" އިވެންޓުގައި މި ފޯނު ރަސްމީކޮށް ދައްކާލާނެއެވެ. މީގެ ކުރިން މި ފޯނުގެ ހުދު ކުލަ ދައްކާލާފައިވާއިރު، އަލަށް މި ތައާރަފުކުރި ފިޔާތޮށި ކުލައަކީ ފަންނުވެރިކަމާއި، ފެޝަން އަދި ޒަމާނީ ސަގާފަތުން އިންސްޕިރޭޝަން ހޯދައިގެން ފަރުމާކޮށްފައިވާ ކުލައެއް ކަމަށް ނަތިން އިން ބުނެއެވެ.
މި އިއުލާނާ ގުޅިގެން ލަންޑަނާއި ބެންގަލޫރުގައި ޚާއްޞަ ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަހަރުވެސް އެތެރެ ފެންނަ ފަހަތް ހިމެނޭ ---
ފަރުމާއަށް ބަލާއިރު، ނަތިން ފޯން 4އޭ ގައިވެސް އެ ކުންފުނީގެ ސިގްނޭޗާ ސްޓައިލް ކަމަށްވާ "ޓްރާންސްޕޭރަންޓް" ނުވަތަ އެތެރެ ފެންނަ ފަހަތް ހިމެނެއެވެ. އަދި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހިމެނޭ "ޕިލް-ޝޭޕް" މޮޑިއުލްއަކާއި، ނޮޓިފިކޭޝަންތަކަށް ޚާއްޞަ "ގްލިފް ބާ" ލައިޓް ސިސްޓަމް ހިމެނޭނެއެވެ.
މި ފޯނުގެ ޓެކްނިކަލް ސިފަތަކަށް ބަލާއިރު، މީގައި ބޭނުންކޮށްފައިވަނީ ކުއަލްކޮމް ސްނެޕްޑްރެގަން ޗިޕްސެޓެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މީގައި ހުންނާނީ ސްނެޕްޑްރެގަން 7އެސް ޖެން 4 ޗިޕެކެވެ. މީގެ އިތުރުން 5،400 މިލީއެމްޕަޔާގެ ބެޓެރީއަކާއި، 50 ވޮޓްގެ ފާސްޓް ޗާޖިންގް ސަޕޯޓްކުރާނެއެވެ. ފޯނުގައި ހިމެނެނީ 6.7 އިންޗީގެ 1.5ކޭ އެމޯލެޑް ޑިސްޕްލޭއެކެވެ.
ނަތިން ފޯން 4އޭ މާކެޓަށް ނެރޭނީ ފްލިޕްކާޓް މެދުވެރިކޮށެވެ.
އާ ހާޑްވެއާ އަދި ރީތި ފަރުމާއަކާއެކު ނެރޭ މި ފޯނުގެ ފުރިހަމަ ތަފުސީލުތައް އަންނަ ހަފުތާގައި ބާއްވާ އިވެންޓުގައި އެނގިގެންދާނެއެވެ.