ސްމާޓް ފޯން އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް ވަންޕްލަސްއިން 240 ހާޓްޒްގެ ޑިސްޕްލޭއަކާއި 9,000 އެމްއޭއެޗްގެ ބެޓެރީއަކާ އެކު ވަންޕްލަސް 16 ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ވަންޕްލަސް 16 ފޯނަކީ، އެ ކުންފުނިން މިހާތާނަށް ނެރޭ އެންމެ އުންމީދީ އެއް ފޯނެވެ. މަޝްހޫރު ލީކްތަކުން ހާމަވާ ގޮތުގައި، މި ފޯނުގެ ޑިސްޕްލޭއާއި ބެޓްރީއަށް ގެނެސްފައިވާ ބަދަލުތަކަކީ މިހާރު މާކެޓުގައި ހުރި އެހެން ފޯނުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ފޯނުގައި ހިމެނޭނީ 6.78 އިންޗީގެ 1.5 ކޭ ރިޒޮލިއުޝަންގެ ބީއޯއީ އެލްޓީޕީއޯ ފްލެޓް ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭގެ އެންމެ ޚާއްސަ ކަމަކީ 240 ހާޓްޒްއާ ހަމައަށް މަތިކުރެވޭ ރިފްރެޝް ރޭޓެވެ. މީގެ އިތުރުން، އެލްއައިޕީއޯ ޕެކޭޖިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯނުގެ އަރިމަތީ ފްރޭމް ނުވަތަ ބޭޒަލްތައް އެންމެ އެއް މިލިމީޓަރަށް ތުނިކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޯނުގެ ޕާފޯމަންސަށް ބަލާއިރު، މި ފޯނުގެ ބާރުގަދަކޮށްދެނީ ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލީޓް ޖެން 6 ޕްރޯ ޗިޕްސެޓުންނެވެ. މި ޕްރޮސެސަރާއެކު އެންމެ ފަހުގެ އެލްޕީޑީޑީއާރު 6 ރޭމް ބޭނުންކޮށްފައިވާތީ، މިއީ އައިކިއޫ 16 ފަދަ އެންމެ ވަރުގަދަ ފްލެގްޝިޕް ފޯނުތަކާ ވާދަކުރާނެ ވަރުގަދަ ފޯނަކަށް ވާނެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، މީގައި 200 މެގަޕިކްސެލްގެ ސެމްސަންގް ސެންސަރެއް ހިމެނޭ ޕެރިސްކޯޕް ކެމެރާއެއް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ.
ބެޓްރީގެ ގޮތުން މި ފޯނުގައި ބޭނުންކޮށްފައިވަނީ ގްލޭޝިއާ ބެޓްރީ ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީއާ އެކު 9000 އެމްއޭއެޗްގެ ބޮޑު ބެޓްރީއެއް މި ފޯނުގައި ހިމެނޭއިރު، މިއީ ވަންޕްލަސް 15 ގައި ހުރި 7300 އެމްއޭއެޗްގެ ބެޓްރީއަށް ވުރެ މާ ބޮޑު އިތުރުވުމެކެވެ.
ވަންޕްލަސް ކުންފުނިން އަދި މި މައުލޫމާތުތައް ރަސްމީކޮށް ކަށަވަރުކޮށްދީފައިނުވި ނަމަވެސް، ފޯނު ބާޒާރަށް ނެރޭއިރު މިއީ މި އަހަރު ފެންނާނެ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ވަރުގަދަ އެއް ފޯނަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.