މާލޭ ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންދުކުރީ، ސ. މަރަދުއަށް ނިސްބަތްވާ 24 އަހަރުގެ އަލީ ޝަމާއިލެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުކޮށްފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ޝަމާއިލް ވަނީ ބިދޭސީއަކަށް ހަމަލާ ދީފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު 'ސަން'އާ ހިއްސާކޮށް ފުލުހުން ބުނީ، މި މަހު އަށްވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ގަޑިބުރު ކައިރިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ޝަމާއިލް ހައްޔަރުކުރީ، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭގެއިތުރަށް، އެ މީހާއަކީ، ބަންދު ރެކޯޑު އޮތް މީހެއް ކަމަށްވާއިރު، ވަކީލެއް އައްޔަނުކުރުމުގެ ފުރުސަތަކަށް އޭނާ ކޯޓުގައި ވަނީ އެދިފައެވެ. އަދި، އޭނާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ، މައްސަލަ ހުށަހެޅި މީހާގެ ބަޔާނާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ކުށުގެ ރެކޯޑާއި ފޮޓޯއާއި ލައިންއަޕެވެ.