ފުލުހުން ބަލަމުން ގެންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި، މި މީހާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެ މީހާ އަދި ހޯދިފައެއް ނުވެއެވެ.
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މީހާއާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ މައި ނަންބަރު 3322111 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މިފަދަ މައްސަލަތަކުގައި ކުށްކުރާ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.