ކުޑަކުދިންގެ ފޮތްތަކެއްގެ ތެރޭގައި ފޮރުވައިގެން، ފޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި އެއް ކިލޯގެ މަސްތުވާތަކެތި ބަލައި، ޕޯސްޓް އޮފީހަށް ދިޔަ މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، ޢަލީ މުފާވިޒް، ސ.މީދޫ / ހުދުވިލާގެ މައްޗަށެވެ.
އޭނާއަށް ތުހުމަތުކޮށް ބެލި މައްސަލައަކީ، ޑިސެންބަރު 20، 2023ގައި ޕޯސްޓުން ލިބުނު ފޮށިގަނޑެއް ބަލައިދިޔުމުން، އެ ފޮށިގަނޑު ކަސްޓަމްސްއިން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. އެ ފޮށިގަނޑު އެތެރެކޮށްފައިވަނީ އެހެން މީހެއްގެ ނަމުގައެވެ.
މަސްތުވާތަކެތި ފެނުނީ، ކުޑަކުދިންގެ ފޮތްތަކެއްގެ ބަނޑޭރިގަނޑުގެ އެތެރޭގައި ފޮރުވާފައި ހުއްޓައެވެ.
އެ މައްސަލައިގައި ދައުލަތުން މުފާވިޒްގެ މައްޗަށް އުފުލީ ޖަދުވަލު އެކެއްގައިވާ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މި މައްސަލައިގައި ދައުވާ ލިބުނު މުފާވިޒްވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަށް ޝަރީއަތުގައި އިންކާރުކޮށްފައެވެ.
ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ ޕޯސްޓް އޮފީހަށް ފޮށިގަނޑެއް ބަލައި ދިޔައިރު އޭގައި މަސްތުވާ އެއްޗެއް ހުރިކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އޭނާ ދިޔައީ، އޭނާއަކީ ފޭސްބުކްގައި ޑެލިވަރީ ޕޭޖެއް ހިންގާ މީހަކަށްވެފައި، އެ ގޮތުން އައި ރިކުއެސްޓަކަށް ޑެލިވަރީއެއް ކޮށްދިނުމަށް ކަމަށެވެ.
މީހަކު ގެނައި ފޮށިގަނޑެއް ޑެލިވަރީކޮށްދޭން އެ ބަލައި ދިޔައީ ކަމަށް މުފާވިޒް ޝަރީއަތުގައި ބުނިނަމަވެސް، އެއީ ކުޑަމިނުން ކާކުކަންވެސް އޭނާއަށް ބުނެދެވިފައިނުވާކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ކާކުކަން ބުނެ ނުދެވުނު އެ މީހާ، 17 ފަހަރު މުފާވިޒަށް ގުޅިކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މުފާވިޒުގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމަކާއި 75000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއިރު، މައްސަލައާ ގުޅިގެން މުފާވިޒް ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 15 އަހަރާއި ނުވަ މަހާއި 27 ދުވަހުގެ ޖަލު ހުކުމެވެ.
ޕޯސްޓުންނާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތަކުގައި، މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހުންނަށް، އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް މީގެ ކުރިން ކޮށްފައިވެއެވެ.