ކައުންސިލުގެ އިދާރީ އޮނިގަނޑުގައި ނުހިމެނޭ އަދި ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތް މަގާމުތަކެއް އުފައްދައި، އެ މަގާމުތަކަށް ނ. އަތޮޅު ކައުންސިލުން މުސާރަ ދީފައިވަނީ ހާޒިރީ ރަނގަޅަށް ބެލެހެއްޓުމެއް ނެތިކަން 2023ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
އިއްޔެ އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނ. އަތޮޅުގެ ފަރުތަކާއި ފަޅުތައް އަދި ފަޅުރަށްތައް ބެލެހެއްޓުމަށް ޓަކައި "އަތޮޅު ރޭންޖާސް"ގެ ނަމުގައި މުވައްޒަފުން ނެގުމަށް ކައުންސިލުން ނިންމާފައިވަނީ އޮކްޓޫބަރު 2021ގައެވެ.
ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ފާސްކޮށްފައިވާ އޮނިގަނޑުގައި މި މަގާމުތައް ހިމަނާފައެއް ނުވެއެވެ. އަދި މި މަގާމުތައް އުފެއްދުމާ ގުޅޭގޮތުން ކޮމިޝަނާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަން ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓްގައިވެއެވެ.
މީގެ އިތުރުން، މި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފުވެފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ރޭންޖާސްގެ ހާޒިރީ ބަލަހައްޓާފައިވަނީ މުވައްޒަފުން ފަޅުރަށްރަށުގައި ތިބޭ ދުވަސްތަކަށް ހާޒިރީ ޝީޓުގައި ފާހަގަ ޖަހައިގެންނެވެ.
އަދި އެ ޝީޓުތަކުގައި މުވައްޒަފުންގެ ސޮޔެއް، ކައުންސިލްގެ ތައްގަނޑެއް، ނުވަތަ ހާޒިރީ އެޕްރޫވްކުރި އިސްވެރިއެއްގެ ނަމާއި ސޮއި ފަދަ ޒަރޫރީ މައުލޫމާތުތައް ނެތްކަން އޮޑިޓުގައިވެއެވެ. އެހެންވެ، 2023ވަނަ އަހަރު ރޭންޖާސްގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ޚަރަދުކުރި 73,950 ރުފިޔާއަކީ ހާޒިރީއަށް ބަލައިގެން ދީފައިވާ ފައިސާކަން ކަށަވަރުކުރެވެން ނެތް ކަމަށް އޮޑިޓުގައިވެއެވެ.
މީގެ އިތުރުން އެހެން މައްސަލަތައް ވެސް ފާހަގަވެފައިވާއިރު، ނ. އަތޮޅު ކައުންސިލަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، އެ ކައުންސިލަށް އެންމެ ބޮޑު އަދަދެއް ނުލިބި އޮތީ އަތޮޅު ކައުންސިލް ރައީސްގެ މުޙައްމަދު ބަޝީރުގެ އަތުންކަން ވެސް ވަނީ ހާމަވެފައެވެ.
ކައުންސިލުގެ ބައްދަލުވުންތަކާ ގުޅޭގޮތުން އޮޑިޓުން ފާހަގަކުރި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ 112 ވަނަ މާއްދާގައި އަތޮޅު ކައުންސިލުން މަހަކު އެއްފަހަރު އާންމު ބައްދަލުވުމެއް ބާއްވަން ލާޒިމުކުރި ނަމަވެސް، 2023ވަނަ އަހަރު ނ. އަތޮޅު ކައުންސިލުން ބާއްވާފައިވަނީ އެންމެ އަށް ބައްދަލުވުމެވެ.
މި ކަންކަން އިސްލާހުކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އެގޮތުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ހާޒިރީ ރެކޯޑުތައް ބެލެހެއްޓުމަށާއި، މުސާރަ ދިނުމުގައި ޓައިމްޝީޓްތަކަށް ބަލައިގެން އަމަލުކުރުމަށް ވަނީ އަންގާފައެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ ބައްދަލުވުންތައް ތާވަލުކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް އޮޑިޓުން ވަނީ އިރުޝާދު ދީފައެވެ.