ނޫނު އަތޮޅު ކައުންސިލަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، އެ ކައުންސިލަށް އެންމެ ބޮޑު އަދަދެއް ނުލިބި އޮތީ އަތޮޅު ކައުންސިލް ރައީސްގެ މުޙައްމަދު ބަޝީރުގެ އަތުންކަން (2023)ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މި ރިޕޯޓުގައިވާ ގޮތުން، ކައުންސިލަށް ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅުއްވަނީ އަތޮޅު ކައުންސިލްގެ ރައީސެވެ.
އޮޑިޓް ރިޕޯޓުގެ ތާވަލު ތިނެއްގައިވާ ގޮތުން، އަތޮޅު ކައުންސިލަށް އެންމެ ގިނަ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- އަތޮޅު ކައުންސިލްގެ ރައީސް: 118,220 ރުފިޔާ
- މިނިސްޓްރީ އޮފް އެންވަޔަރަމެންޓް: 114,500 ރުފިޔާ
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން: 100,105 ރުފިޔާ
- ނ. ކެނދިކުޅުދޫ ކައުންސިލް: 71,350 ރުފިޔާ
- މިނިސްޓްރީ އޮފް ހެލްތު: 61,500 ރުފިޔާ
- ނ. މަނަދޫ ކައުންސިލް: 52,645 ރުފިޔާ
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަތޮޅު ކައުންސިލްގެ ރައީސް ދައްކަވަންޖެހޭ 118,220 ރުފިޔާގެ ތެރެއިން 89,820 ރުފިޔާއަކީ ސްޓޭޓް ހައުސްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ.
މި ފައިސާއަކީ 20 މޭ 2021 ގައި ނެރެފައިވާ ސާކިއުލާ "އަތޮޅުތަކުން، އަތޮޅު ކައުންސިލްގެ ރައީސްގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަމަޖެއްސުމާބެހޭ" ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ދައްކަންޖެހޭ ފައިސާއެވެ.
މިއީ ނ. އަތޮޅު ކައުންސިލްގެ ރައީސް ސްޓޭޓް ހައުސްގައި ހުންނެވުމުގެ އިންތިޒާމް ހަމަޖައްސާފައިވުމާ ގުޅިގެން، 19 މޭ 2021 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިނުވާ ފައިސާކަމަށް އޮޑިޓްގައިވެއެވެ.
މީގެ އިތުރުން، ކައުންސިލްގެ ރައީސް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ޖުމުލަ 28,400 ރުފިޔާއަކީ ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާއެވެ. މީގެ ތެރޭގައި ކެމްޕޭން ހަރަކާތްތަކަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ހިމެނޭކަން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ އެކި މުއައްސަސާތަކުން ކައުންސިލަށް ލިބެންޖެހޭ ފައިސާއަކީ މައިގަނޑު ގޮތެއްގައި އެ މުއައްސަސާތަކުން ކޮށްފައިވާ ލޯންޗު ދަތުރުތަކުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާއެވެ.
އޮޑިޓް އޮފީހުން ވަނީ މި ފައިސާތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލަށް އިރުޝާދު ދީފައެވެ.