ފިލްމު 'ހަސީނާ މާން ޖާއެގީ 2' އުފައްދަނީ

ފިލްމު "ހަސީނާ މާން ޖާއެގީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ 27 އަހަރު ކުރިން ރިލީޒްކުރި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ކޮމެޑީ ފިލްމު "ހަސީނާ މާން ޖާއެގީ"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ނުވަދިހައިގެ އަހަރުތަކުގައި ރިލީޒްކުރި ކޮމެޑީ ފިލްމުތަކުގެތެރެއިން އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގެ ސީކުއަލްއެއް އުފައްދަން ނިންމިއިރު ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް ފިލްމު ޑައިރެކްޓް ކުރާނީ ފަރުހާދު ސަމްޖީއެވެ.

ފަރުހާދު ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހައުސްފުލް 4"، 2022ގައި ގެނެސްދިން "ބައްޗަން ޕާންޑޭ" އަދި 2023ގައި ރިލީޒްކުރި ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ހިމެނެއެވެ.

މީގެއިތުރުން ލިޔުންތެރިއެއްގެ ގޮތުގައި އޭނާ ހިއްސާވި ފިލްމުތަކުގެތެރޭގައި "ގޯލްމާލް"، "ސިންގްހަމް" އަދި "ޖުޅްވާ 2" ހިމެނެއެވެ.

ފިލްމީ ތަރިން ކަމަށްވާ ކަރިސްމާ ކަޕޫރު އަދި ޕޫޖާ ބަޓްރާ ފިލްމު "ހަސީނާ މާން ޖާއެގީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ހާސީނާ މާން ޖާއެގީ 2" ޑައިރެކްޓް ކުރަން ފުރަތަމަ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޑޭވިޑް ދަވަންއަށް ހުށަހެޅުމުން ފިލްމު "ކޫލީ ނަމްބަރު 1" އަދި "ޖުޅްވާ 2"އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ކުރީގެ އިތުރު ފިލްމެއް ޑައިރެކްޓްކުރުމުގެ ޝައުގުވެރިކަން ޑޭވިޑްގެ ނެތް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ނަމަވެސް މި ސީކުއަލް އުފެއްދުމުގައި ޑޭވިޑްގެ ފަރާތުން ބޭނުންވާ އެހީތެރިކަން ޑައިރެކްޓަރު ފަރުހާދަށް ކޮންމެ ވަގުތަކު ވެސް ލިބޭނެ ކަމަށް ޑޭވިޑްގެ ޓީމުން ވަނީ އަންގާފައެވެ.

މި ފިލްމުގެ ކާސްޓުން ހޮވުމުގެ މަސައްކަތް އަންނަ މަހުތެރޭ ފަށާއިރު އެ މަރުހަލާ ނިމުނުހާ އަވަހަކަށް ފިލްމުގެ މަސައްކަތް ފަށަން ޕްރޮޑިއުސަރު ސްމިތާ ތާކުރޭއާއި ފަރުހާދުގެ ޓީމުން ތައްޔާރުވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ހެއްވާ މަޖާ ފިލްމު "ހަސީނާ މާން ޖާއެގީ" އަކީ ގޯވިންދާ، ސަންޖޭ ދަތު، ކަރިސްމާ ކަޕޫރު، ޕޫޖާ ބަޓްރާ، ޕަރޭޝް ރާވަލް، އަރޫނާ އިރާނީ، އަނޫޕަމް ހޭރު އަދި ކުރީގެ ފިލްމީ ތަރިން ކަމަށްވާ ކާދަރު ޚާން އާއި ސަތީޝް ކައުޝިކް މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމެކެވެ.

comment ކޮމެންޓް