ބަތަލާ ހަންސިކާ އޭނާގެ ފަހަރިއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

އިންޑިއާގެ ބަތަލާ ހަންސިކާ މޮޓްވާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް އަދި ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ހަންސިކާ މޮޓްވާނީ، އޭނާގެ ފަހަރި މުސްކާން ނޭންސީ ޖޭމްސްއާ ދެކޮޅަށް ދެ ކްރޯޑް ރުޕީސްގެ އަބުރުގެ ދައުވާއެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ. މުސްކާން ސޯޝަލް މީޑިއާގައި ހަންސިކާއާއި އޭނާގެ ބޭބެ ޕްރަޝާންތުއާ ދެކޮޅަށް ގެވެށި އަނިޔާގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ، ލިބުނު ގެއްލުމުގެ ބަދަލާއި މާފަށް އެދުމަށް ހަންސިކާ ވަނީ އެދިފައެވެ. މި މައްސަލައިގެ މައިގަނޑު އަސްލަކީ މުސްކާން ނަގާފައިވާ 27 ލައްކަ ރުޕީސްގެ ދަރަންޏެއް އަނބުރާ ނުދެއްކުމެވެ.

  • ހަންސިކާ އޭނާގެ ފަހަރި މުސްކާންއާ ދެކޮޅަށް ދެ ކްރޯޑް ރުޕީސްގެ ދައުވާއެއް ކުރުން
  • މުސްކާން ވަނީ ހަންސިކާއާއި އޭނާގެ ބޭބެއާ ދެކޮޅަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކޮށްފައި
  • މައްސަލައިގެ އަސްލަކީ އަނބުރާ ނުދައްކާ އޮތް 27 ލައްކަ ރުޕީސްގެ ދަރަންޏެއް
  • ހަންސިކާ އެދިފައިވަނީ ބަދަލު ހޯދުމަށާއި މާފަށް އެދުމަށް

ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ހަންސިކާ މޮޓްވާނީ އޭނާގެ ފަހަރި މުސްކާން ނޭންސީ ޖޭމްސްއާ ދެކޮޅަށް, ދެ ކްރޯޑް ރުޕީސްގެ އަބުރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ.

އާއިލީ މައްސަލަތަކެއްގެ ތެރެއިން ކުރެވޭ ތުހުމަތުތަކާއި މާލީ މުއާމަލާތްތަކަކާ ގުޅިގެން އުފެދުނު މި ދައުވާގައި، ލިބުނު ގެއްލުމުގެ ބަދަލާއި، މާފަށް އެދުމަށާއި، އިތުރަށް އަބުރަށް އަރައިގަތުން ހުއްޓުވުމުގެ އަމުރަކަށް ހަންސިކާ ވަނީ ކޯޓުގައި އެދިފައެވެ.

ޤާނޫނީ ވަކީލު އަދުނާން ޝައިޚް މެދުވެރިކޮށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، މުސްކާން ސޯޝަލް މީޑިއާގައި ހަންސިކާއާއި އޭނާގެ ބޭބެ ޕްރަޝާންތު މޮޓްވާނީއާ ދެކޮޅަށް ގެވެށި އަނިޔާގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މިފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ހަންސިކާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ މައިގަނޑު އަސްލަކީ މާލީ މުއާމަލާތެއް ކަމަށް ބެލެވެއެވެ. ހަންސިކާ ބުނާ ގޮތުގައި މުސްކާން ވަނީ ޕްރަޝާންތުއާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު 27 ލައްކަ ރުޕީސް ބަތަލާގެ އަތުން ދަރަންޏަށް ނަގާފައެވެ. އަދި އެކި ފަހަރު މަތިން އެ ފައިސާ އަނބުރާ ދެއްކުމަށް އެދުމުންވެސް އެކަން ކޮށްފައި ނުވާ ކަމަށާއި، މި ތުހުމަތުތަކަކީ ފައިސާ ނުދައްކާ ސަލާމަތްވުމަށް ކުރާ ކަމެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ހަންސިކާ އަދި ބަތަލާގެ ފަހަރި މުސްކާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ހަންސިކާގެ ފަހަރި މުސްކާން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާއަށް އެމީހުންގެ ފަރާތުން ގޯނާކުރުމާއި އިހާނެތިކޮށް ހިތުމުގެ އަމަލުތަކާ އެކިފަހަރުމަތިން ކުރިމަތިވިއެވެ. އަދި އޭނާގެ ކައިވެނީގެ ތެރެއަށް ނުފޫޒު ފޯރުވައި، ކައިވެނީގެ ހަފުލާތަކުގައި އެކި ކަންކަމަށް ޑިމާންޑްކޮށްފައިވާ ކަމަށްވެސް މުސްކާން ވަނީ ކޯޓު އަޑުއެހުންތަކުގައި ބުނެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ހަންސިކާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާއަކީ މި މައްސަލައިގެ ތެރެއަށް ނުހައްގުން ވައްދާފައިވާ މީހެއް ކަމަށާއި، އޭނާގެ އަބުރު ކިލަނބު ކުރުމަށް ރޭވުންތެރިކަމާ އެކު ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭބެގެ ކައިވެނީގެ ތެރޭގައި އޭނާގެ ބައިވެރިވުން ކުޑަކަމާއި، މުސްކާންގެ ތުހުމަތުތަކަކީ އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަންސިކާއާ ގުޅުންހުރި ކޯޓު މައްސަލައެއް ފެންމަތިވެފައިވާއިރު މިދިޔަ މަހުތެރޭ ބަތަލާގެ ކައިވެނި ރޫޅުމާ ގުޅިގެން ވެސް މީޑިއާގެ ސަމާލުކަން ހަންސިކާއަށް ވަނީ ލިބިފައެވެ.

ފިލްމު "ކޮއި މިލް ގަޔާ"އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާ ގިނައިން ކުޅެފައި ވަނީ ތެލުގޫ އަދި ތަމަޅަ ފިލްމުތަކެވެ. އެގޮތުން މިދިޔަ އަހަރު ހަންސިކާގެ ދެ ފިލްމެއް ވަނީ ރިލީޒްވެފައެވެ. އެއީވެސް ތެލުގޫ އަދި ތަމަޅަ ފިލްމެކެވެ.

comment ކޮމެންޓް