ސައުދީ އަރަބިއްޔާގެ "ފައުންޑިން ޑޭ" ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ޚާއްސަ ހަފުލާއެއް މިރޭ ބާއްވައިފިއެވެ.
މާލޭގައި ހުންނަ ސައުދީ އެމްބަސީގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ޣަނީ މުހައްމަދެވެ. މި ހަފުލާގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، އެކި މުއައްސަސާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހްތާނީ ވަނީ ސައުދީ ދައުލަތް އުފެދިގެން އައި ގޮތުގެ ތާރީޚާއި، މިއަދު ޒަމާނީ ކުރިއެރުން ހޯދަމުން އަންނަ ބާރުގަދަ ގައުމަކަށް ސައުދީ އަރަބިއްޔާ ބައްޓަންކުރުމުގައި އެ ގައުމުގެ ވެރިން އަދާކުރެއްވި މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
ސައުދީ ސަފީރު ވާހަކަދައްކަވަނީ: ސައުދީ ދައުލަތް އުފެދިގެން އައި ގޮތަށް އަލިއަޅުއްވައިލެއްވި -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު
ސަފީރުގެ ވާހަކަފުޅުގައި، ސައުދީ އަރަބިއްޔާގެ އައިޑެންޓިޓީ ބިނާވެފައިވަނީ އެ ގައުމުގެ އަރަބި އަދި އިސްލާމީ ތަރިކައިގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ހަރަމްފުޅުގެ ޚާދިމްގެ ހައިސިއްޔަތުން، އިސްލާމީ އުންމަތަށް ޚިދުމަތްކުރުމާއި، ސުލްހަވެރިކަމާއި، ކެތްތެރިކަމާއި، އެކުގައި އުޅުމުގެ އުސޫލުތައް ކުރިއެރުވުމުގައި ސައުދީން ޚާއްސަ މަސްއޫލިއްޔަތެއް އުފުލާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ ސިނާއަތުގައި ސައުދީ އަރަބިއްޔާއަކީ މިއަދު ނުފޫޒުގަދަ އަދި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.
"މިއަދު ސައުދީއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ، އަދި ޖީ20 ގެ ހަރަކާތްތެރި މެންބަރެއް. ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގައި ސައުދީން މުހިންމު ދައުރެއް އަދާކުރޭ،" ސަފީރު ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ ފައުންޑިން ޑޭ ފާހަގަކުރުން: މި ހަފުލާގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
ސަފީރު އިތުރަށް ވިދާޅުވީ، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ލަފާފުޅުގެ ދަށުން 'ސައުދީ ވިޝަން 2030' އާއެކު އަންނަނީ އާ މުސްތަގުބަލެއް ބައްޓަންކުރަމުން ކަމަށެވެ. މީގެ އަމާޒަކީ އިގްތިސާދު ސިންދަފާތުކުރުމާއި، އައު އީޖާދުތައް ތައާރަފުކުރުމާއި، ރައްޔިތުން ބާރުވެރިކުރުވުމާއި، ބައިނަލްއަގުވާމީ ވަރުގަދަ ގުޅުންތަކެއް ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.
ސައުދީ "ފައުންޑިން ޑޭ" އަކީ މީގެ ތިން ގަރުނު ކުރިން، މީލާދީން 1727 ވަނަ އަހަރު އިމާމް މުޙައްމަދު ބިން ސައުދު ސައުދީ ފުރަތަމަ ދައުލަތް ގާއިމުކުރެއްވި ދުވަހުގެ ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.