އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރޭ، ފައިސާ ނުދެއްކޭ މައިގަނޑު ސަބަބަކީ ލިމިޓް ހަމަވުން: ބީއެމްއެލް

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު: އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރާ ކަމަށް ބިއެމްއެލްއިން ބުނޭ -- ފޮޓޯ/ ބީއެމްއެލް

އެމޭޒަން އާއި އަލީއެކްސްޕްރެސް ފަދަ ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޮގުކޮށްފިއެވެ.

އެމޭޒަން އާއި އަލީ އެކްސްޕްރެސް ފަދަ ސައިޓުތަކުން ކުރާ ވިޔަފާރިތަކަށް ފައިސާ ނުދެއްކޭ ކަމަށް ބުނެ، ފޮޓޯތަކާއެކު، ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާ ކަމަށް ބުނެ ފެތުރޭ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެ ބެންކުން ބުނީ ކާޑުގެ މުއާމަލާތްތައް ފެއިލްވަނީ ކަސްޓަމަރުގެ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް މުއާމަލާތްކުރުމަށް މަސައްކަތްކުރުމުން ކަމަށެވެ.

އެއާއެކު، ބީއެމްއެލްއިން ވަނީ އެމޭޒަން އަދި އަލީ އެކްސްޕްރެސްގައި ކަސްޓަމަރުން މިދިޔަ ޖަނަވަރީ މަހުން ފެށިގެން މިއަދާ ހަމަޔަށް، މުއާމަލާތް ހިންގާފައިވާ އަދަދުގެ ތަފާސްހިސާބެއްވެސް ހާމަކޮށްފައެވެ. އެގޮތުން ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހަމައެކަނި އެމޭޒަން އަދި އަލީއެކްސްޕްރެސްގައި 58،000 މުއާމަލާތްކޮށް، 2.33 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކަސްޓަމަރުން ކާޑުން ކުރަމުންދާ މުއާމަލާތްތަކަށް ބަލާއިރު، ބީއެމްއެލްއަށް ފާހަގަކުރެވިފައިވާ ގޮތުގައި، އަމިއްލަ ފަރުދުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ކަސްޓަމަރު ބަޔާންކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑު އަދަދުތަކެއްގެ މުއާމަލާތްތައް ކާޑުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

ބީއެމްއެލްއިން ބުނީ، ވިޔަފާރި ބޭނުންތަކަށް، މުދާ ގަތުމަށް ބެންކުން އިލްތިމާސްކުރަނީ ބޭންކުގެ ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށް ކަމަށެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެއް ކަމަށް އެ ބެންކުން ބުންޏެވެ.

ކަސްޓަމަރުންނަށް ބޭނުންވާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެހީތެރިވުމުގައި ބޭންކުން އޮތް މިންވަރު ހާމަކޮށްދެނީ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކުން ކަމަށް ބެންކުން ބުންޏެވެ.

ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރަށް، އޭޓީއެމް، އީކޮމާސް އަދި ޕީއޯއެސް މެދުވެރިކޮށް ކޮށްފައިވާ ގޮތުގެ ތަފުސީލް:

  • 2023ވަނަ އަހަރު: 311 މިލިއަން ޑޮލަރު
  • 2024ވަނަ އަހަރު: 389 މިލިއަން ޑޮލަރު
  • 2025ވަނަ އަހަރު: 524 މިލިއަން ޑޮލަރު
  • 2026 ޖަނަވަރީގެ ނިޔަލަށް: 59 މިލިއަން ޑޮލަރު

ބީއެމްއެލްއިން ވަނީ، އެ އަދަދުތަކުގެ ގާތްގަނޑަކަށް 66 ޕަސެންޓް މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތަކެއްކަން ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ އޮފިޝަލެއް ވިދާޅުވީ، އާންމު ބޭނުންތަކަށް ރާއްޖެއިން ބޭރަށް ކަސްޓަމަރުން ދަތުރުކުރާއިރު އެއާލައިން ޓިކެޓަށާއި ހޮޓެލަށާއި ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ހަމަޖައްސައިދެވިފައިވާ ކަމަށް ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑު ނުވަތަ އެކައުންޓް ވިޔަފާރީގެ އުސޫލުން ބޮޑެތި އަދަދުތަކުން މުއާމަލާތްކުރާ ހާލަތުގައި، ލިމިޓް ހަމަވެގެން މުއާމަލާތް ފުރިހަމަ ނުކުރެވި، ދަތިތަކާ ކުރިމަތި ވެދާނެކަމަށްވެސް ބޭންކުގެ އޮފިޝަލް ހާމަކުރެއްވިއެވެ.

ބީއެމްއެލްއިން ވަނީ، މި މަހުން ފެށިގެން ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ދޭ ލިމިޓްތައް އިތުރުކޮށްފައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބޭންކުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމާލާތްތައް ކުރުމަށް މަހަކު 3,000 ޑޮލަރާ ހަމަޔަށް ލިމިޓް ދެމުންނެވެ. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއްދީފައިވެއެވެ.

comment ކޮމެންޓް