ސޯޝަލް މީޑިއާގެ ހަ ޕްލެޓްފޯމަކުން ކުޑަކުދިންގެ ޑޭޓާ ނުވަތަ މައުލޫމާތު ބޭނުންކުރާ ގޮތް ބެލުމުގެ މަސައްކަތް ތުރުކީން ފަށައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓާސްން ރިޕޯޓްކޮށްފައިވާގޮތުގައި، ކުޑަކުދިންގެ ޒާތީ މައުލޫމާތު (ޕާސަނަލް ޑޭޓާ) ބޭނުންކުރާ ގޮތް ބެލުމަށްޓަކައި މަޝްހޫރު ހަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ މައްސަލަ ބަލަން ފަށައިފިކަން ތުރުކީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން، ހުކުރު ދުވަހުގެ ރޭ ވަނީ އިއުލާނުކޮށްފައެވެ.
އެ ގައުމުގެ ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް މާހައުލުގައި ކުޑަކުދިންނަށް ދިމާވެދާނެ އެކިކަހަލަ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމެވެ.
މި ރިވިއުގެ ދަށުން ބަލަން ނިންމާފައިވާ ޕްލެޓްފޯމްތަކަކީ ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް، ޔޫޓިއުބް، އެކްސް އަދި ޑިސްކޯޑްއެވެ.
މި މަރުހަލާގައި، އެ ޕްލެޓްފޯމްތަކުން ކުޑަކުދިންގެ ޑޭޓާ ޕްރޮސެސް ކުރާ ގޮތާއި، އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ވަރަށް ތަފުސީލީ ގޮތެއްގައި ބަލައި ތަހުގީގު ކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ފިޔަވަޅަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާއި، ސައިބާ ބުލީއިން އަދި ނުރައްކާތެރި ކޮންޓެންޓްތަކުން އެ ކުދިން ސަލާމަތް ކުރުމަށް ތުރުކީ ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ބައެކެވެ.
މީގެ ކުރިން ވެސް، ކުޑަކުދިންނަށް ނުރައްކާތެރި މައުލޫމާތު ފެތުރުމާއި ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ ކަމުގެ ތުހުމަތުގައި ތުރުކީން ވަނީ 'ޑިސްކޯޑް' އެ ގައުމުގައި ބޭނުންކުރުން މަނާކޮށްފައެވެ. އަދި ޑޭޓާ ރައްކާތެރިކުރުމުގެ ގަވާއިދުތަކާ ޚިލާފުވާ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް މީގެ ކުރިންވެސް އެ ގައުމުން ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.
މިފަދަ ހަރުކަށި ފިޔަވަޅުތަކެއް ތުރުކީން މި އަޅަނީ، އޮންލައިން ސަލާމަތީ ކަންކަމުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ބޮޑެތި ޕްލެޓްފޯމްތަކަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.