އެމްބިއުލާންސަށް ޖާގަނުދީ މަގު ބަންދުކޮށްގެން މުދާ ބޭލި މައްސަލައެއް ޓްރާންސްޕޯޓް މިނިސްޓްރީއިން ބަލަނީ

އެމްބިއުލާންސަށް ޖާގަނުދީ މަގު ބަދުކޮށްގެން މުދާ ބޭލި މައްސަލައެއް ޓްރާންސްޕޯޓް މިނިސްޓްރީއިން ބަލަނީ -- ފޮޓޯ/ އަޒްމީ އަލީ

ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަނުދީ މަގު ބްލޮކްކޮށްގެން މުދާ ބޭލި މައްސަލައެއް ޓްރާންސްޕޯޓް މިނިސްްޓްރީއިން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވަންވޭ ނުވަތަ އެއްކޮޅަށް ދުއްވާ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސެއް އޮއްވައި، އޭގެ ކުރީގައި ކުޑަ ޕިކަޕެއް، މަގު ބްލޮކްވާހެން އޮތެވެ. އަދި އެވަގުތު ޕިކަޕުން މުދާ ހުސްކުރާ މަންޒަރު ފެނެއެވެ. އޭރު އެ ޕިކަޕުގެ ފަހަތުގައިވާ ބޮޑެތި އުޅަނދުތައް ބަރުގޮނު އަޅާއަޑު އިވެއެވެ.

ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މަގު ބްލޮކްކޮށްފައި އޮތް ޕިކަޕުން މުދާ ބާލާ މަންޒަރު ފެނެއެވެ. އަދި މުދާތައް ބާލައި ނިމުމުން، ޕިކަޕު ދުއްވަން އިން މީހާ ވީޑިއޯކުރަންހުރި މީހާއާއި ދިމާލަށް ކޮންމެވެސް އެއްޗެއް ބުނާ އަޑުވެސް އިވެއެވެ. ނަމަވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑާއެކު ކިޔަނީ ކީކޭ ކަމެއް ސާފެއް ނުވެއެވެ.

އެ ވީޑިއޯއަށް ހަވާލާދީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑޭޕިއުޓީ މިނިސްޓަރު ހިއްސާކޮށްފައިވާ މެސެޖެއްގައިވަނީ، އެ މައްސަލަ މިނިސްޓްރީއިން ބަލަމުންދާކަމަށެވެ. އަދި ކަން ހިނގާފައިވާގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ މިނިސްޓްރީއިން ފިޔަވަޅު އަޅާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ކާރު ބާރު ބޮޑު މާލޭގެ ކުދިކުދި މަގުތަކުގައި، މަގުތައް ބްލޮކްކޮށްގެން ފިހާރަ ފިހާރައަށް މުދާބޭލުމަކީ އާންމުވެފައިވާ ކަމެކެވެ.

comment ކޮމެންޓް