ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ސަރުކާރުން ލަސްކުރަން ނޫޅޭ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާ ތާކުތޯ އާއި އެ މަސައްކަތް ނިންމަން ރާވައިފައި އޮތް ގޮތާއި، މާލޭގެ ޓްރެފިކަށް ބާރު ބޮޑުނުވާނެހެން މަސައްކަތްކުރުމަށް ރާވައިފައި އޮތް ގޮތާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، ހިލޭ އެހީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެހީ ދޭ ގައުމުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ އަދާހަމައެއް ދެއްވަމުން މުއްްޠަލިބު ވިދާޅުވީ، މާލޭ މަގު ހެދުމުގެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓޭޖު ނިންމައި، ސާވޭއާއި ޑިޒައިންކުރާނެ ޓީމެއް ހޮވައިފައިވާނެ ކަމަށާއި، އެ ޓީމު މި މަހުގެ ތެރޭ މާލެ އަންނާނެ ކަމަށެވެ. އެއަށްފަހު، ޗައިނާގައި ޓެންޑާކޮށް ޕްރޮކިއާކުރެވި، ވަކި ކުންފުންޏެއް ހޮވައި، މަސައްކަތް ފެށޭނެ ކަމަށް، އޭނާ ވިދާޅުވިނަމަވެސް، އަމަލީ މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް އަންދާޒާނުކުރައްވައެވެ.
މާލޭގެ މަގުތައް ހެދުން، ހަމަ މިހާރު ވެސް ރާވައިފައި އޮތް ގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މުއްޠަލިބު ދެއްވިއެވެ.
"އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް މި މަޝްރޫއު ލަސްކުރުމަށް ޓަކައި ނޫނީ ކުރިއަށް ނުގެންދިއުމަށް ޓަކައި، ހުރިހާ މަސައްކަތެއް ކުރަމުންދަނީ ވެސް އަވަސްކުރުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ.
މުއްޠަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މަޝްރޫއުތައް އަވަހަށް ފަށައި ނިންމުމަށް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ވެރިކަމުގެ ކުރީކޮޅު، ޖަނަވަރީ 2024ގައި ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާއިން 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ. އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހަދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި. ރާއްޖޭގަ އަޅުގަނޑުމެން ކަނޑައަޅާ ތަރައްގީގެ މަޝްރޫތަކަށް ޚަރަދު ކުރަން. އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ޚަރަދު ކުރަން ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް،" ރައީސް އޭރު ވިދާޅުވިއެވެ.
އެ ފައިސާ ބޭނުންކުރާނީ ސަރުކާރުން ކަނޑައަޅާ ތަރައްގީގެ އެކި މަޝްރޫތަކަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ވާރޭ ވެހޭއިރު މިހާރު ވެސް މާލޭގެ މަގުތަކުގައި ފެންބޮޑުވެއެވެ. އަދި، ބައެއް މަގުތަކުގެ ފެންވަރު ހުރީ ވަރަށް ދަށް ކޮށެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައިވެސް، ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މާލޭގެ ހަތަރު އަނގޮޅި ކަންމަތީ ސަރަހައްދާއި، މައްޗަންގޮޅި ދެކުނު ޗާންދަނީމަގުގައި މިއަދު ވަނީ ފެން ބޮޑުވެފައެވެ.