އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަނީ

ފިތުރު ޒަކާތް ބަލައިގަތުން: ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަނީ -- ފޮޓޯ/ ޒަކާތު ހައުސް

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މާލޭގައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ، ކައުންޓަރުތަކުން މިއަދު ވަނީ ޒަކާތް ބަލައިގަންނަން ފަށައިފައި ކަމަށެވެ.

މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތައް:

  • 22 ފެބުރުވަރީން 9 މާރިޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00އިން 13:00އަށް
  • 10 މާރިޗުން 19 މާރިޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00އިން 14:00އަށް

ޒަކާތު ހައުސްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިޠުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެން ކަމަށެވެ. އަދި ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެކަމަށްޓަކައި ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް އައިސް ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އަދި ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ. މީގެ އިތުރުން، ޞަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ ކަމަށް ބުންޏެވެ.

ފިތުރު ޒަކާތް ބަލައިގަތުން: ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަނީ -- ފޮޓޯ/ ޒަކާތު ހައުސް

ޒަކާތު ހައުސްއިން ބުނި ގޮތުގައި ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށި ނަމަވެސް، މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ. އެގޮތުން ޖުމްލަ ހަތް އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ހަތް ޕްލެޓްފޯމަކީ:

  • ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  • އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  • މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  • ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  • ފަހިޕޭ މޯބައިލް އެޕް
  • އަވަސް މޯބައިލް އެޕް
  • ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ފާހަގަކޮށްލެވޭ ގޮތުގައި މި ރަމަޟާން މަހު، ދިވެހިން އާންމުކޮށް ކައި އުޅޭ ބާސްމަތީ ހަނޑުލުގެ ބާވަތްތައް ހިމެނޭހެން، ފިޠުރު ޒަކާތުގެ ގޮތުގައި ބައެއް ބާވަތްތަކުން ނަގާ އަގު ވަނީ އުފުލިފައެވެ.

comment ކޮމެންޓް