އުސޫލާ ޚިލާފަށް ކޭބަލް ޓީވީގެ ޚިދުމަތްދޭން ބަޔަކާ ހަވާލުކުރުމުން، އުތީމު ކައުންސިލަށް ބޮޑު ގެއްލުމެއް ވާނެ: އޮޑިޓް ރިޕޯޓް

އުތީމު ކައުންސިލުން، އެ ކައުންސިލުގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އޮޑިޓް ރިޕޯޓްގައި ވަނީ އެ ކައުންސިލްގެ މައްސަލަތަކެއް ފާހަގަ ކޮށްފައި-- ފޮޓޯ: އުތީމު ކައުންސިލް

ހއ. އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށް ހުޅުވާލި ފުރުސަތުގައި, ބީލަމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ދެވަނައަށް ޕޮއިންޓު ލިބުނު ފަރާތާ އެ ޚިދުމަތްދޭން ހަވާލުކުރުމުން، ފަސް އަހަރުގެ މުއްދަތުގައި އުތީމު ކައުންސިލަށް ހަތަރުލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ގެއްލުންވާނެ ކަމަށް، އޮޑިޓު އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

އުތީމު ކައުންސިލުގެ 2023ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވަނީ، އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މޭ 25، 2023ގައި ކުރި އިއުލާނާ ގުޅިގެން އެ ޚިދުމަތްދޭން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން، ދެވަނައަށް އެންމެ ބޮޑު މަހު ކުލި ހުށަހަޅާފައިވާ ފަރާތާ ހަވާލުކުރީ އިއުލާނާއެކު ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާހާ ޚިލާފަށް ކަމަށެވެ.

އެގޮތުން، އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދެވޭ އުސޫލުގައިވާ ގޮތުން، އެންމެ ގިނައިން ޕޮއިންޓު ލިބޭނީ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަށް ކަމަށް، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށް އެންމެ ބޮޑު ކުއްޔެއް ހުށަހެޅި ފަރާތުން ވަނީ، މަހު ކުލީގެ ގޮތުގައި 12،500 ރުފިޔާ ހުށަހަޅައިފައެވެ. އެއީ ފަސް އަހަރަށް ބަލާނަމަ 750،000 ރުފިޔާއެވެ. އަދި ދެވަނައަށް އެންމެ ބޮޑު ކުލި ހުށަހެޅި ފަރާތުން ވަނީ މަހަކަށް 5،545 ރުފިޔާ ހުށަހަޅައިފައެވެ. އެއީ ފަސް އަހަރަށް ބަލާނަމަ 332،700 ރުފިޔާއެވެ.

އެހެންކަމުން ފަސް އަހަރަށް ބަލާނަމަ، އުތީމު ކައުންސިލަށް 417،300 ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށް، އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭން އެ ރަށު ކައުންސިލުގެ ބިޑު ކޮމިޓީން ހަވާލުކުރީ، އެންމެ މަތިން އަގު ހުށަހެޅި ފަރާތުގެ އަގަށް ރިއާޔަތްކުރުމެއް ނެތިއެވެ.

އެއާއެކު، ދެވަނައަށް އެންމެ ބޮޑު ކުލި ހުށަހެޅި ފަރާތަށް ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށް އުތީމު ކައުންސިލުން ހަވާލުކުރި ސަބަބު އެނގެން ނެތް ކަމަށާއި، އެހެންވެ އެ ފަރާތާ އެކަން ހަވާލުކުރުމަށް އުތީމު ކައުންސިލުގެ ބިޑް ކޮމިޓީން ރިއާޔަތްކުރި ކަންކަން އެނގެން ނެތް ކަމަށްވެސް، ރިޕޯޓުގައިވެއެވެ.

އެހެންކަމުން އުތީމުގައި ކޭބަލް ޓީވީގެ ޚިދުމަތްދިނުމަށް ބީލަމުގެ ކަންކަން ކުރިއަށް ގެންދިޔައީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް، ކައުންސިލަށްވެސް ގެއްލުންވާ ގޮތަށް، މާލިއްޔަތު ގަވައިދާ ޚިލާފަށް ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. ވުމާއެކު، މި މައްސަލަ މާލީ ވަޒީރު ކަނޑައަޅާފައިވާ ގޮތަށް ބަލައި، މިކަމުގައި ޖިނާއީ ކުށެއް ހިމެނޭނަމަ، މައްސަލަ ބެލުމަށް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފައެވެ.

މި މައްސަލައިގެ އިތުރުން، އުތީމު ކައުންސިލުން، އެ ރަށުގެ ކުލަބު ޖަމިއްޔާ ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތިން ކުލަބު ޖަމިއްޔާއަކަށް، ކައުންސިލުން އެހީދިނުމުގެ އެއްވެސް އުސޫލެއް ފާސްނުކޮށް ޖުމުލަ 15،000 ރުފިޔާ ދިން ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް