ރުޅިއަކީ ބަނޑުހައިވީމަ އެކަނި އަންނަ އެއްޗެއް ނޫނެވެ. ރުޅި އައުން އެއީ ޠަބީޢީ ކަމެކެވެ. އެހެނަސް ރުޅި އަޅުގަނޑުމެން ކޮންޓްރޯލު ކުރުމަކީ ވާންޖެހޭ ގޮތެއް ނޫނެވެ. އަޅުގަނޑުމެން ޖެހޭނީ ރުޅި ކޮންޓްރޯލު ކުރާށެވެ!
އެކީއެކަށް ރުޅިނާންނާކަށް އަދި ގަދަކަމުން ރުޅި ހުއްޓުވާކަށް ވެސް އިސްލާމްދީނުގައި މަޖުބޫރެއް ނުކުރެއެވެ. މި ދީނުގައި ބާރުއަޅަނީ ނަފުސު ތަރުބިއްޔަތުކުރުމަށެވެ. އެ ތަރުބިއްޔަތަކީ އޭގައި ރުޅިއާއި ހިތާމަފަދަ ޢާޠިފީ އިޙުސާސްތަކުގެ ސަބަބުން މީހާ ފާފަކުރުމާ ދިމާލަށް ދިޔުން ހުއްޓުވާ ތަރުބިއްޔަތެވެ. ޢަދުލު އިންސާފުން ބޭރުނުވެ ހުރުމަށާއި ފަހުން ދެރަވެ ހިތާމަކުރަން ޖެހިދާނޭ ހުރިހާ ކަމެއް، މިހާރު ކުރުމުން މަނާވެ ހުރުމުގެ ތަރުބިއްޔަތެވެ.
ރުޅި އަންނަ ހިނދު އެ ކަމުން އަރައިގަންނާނޭ ގޮތުގެ ތަރުބިއްޔަތާމެދު ﷲ އެންގެވީ އެބައިމީހުން ރުޅި މަޑުކޮށް މީސްތަކުންނަށް މާފުކުރާނެ ކަމުގައެވެ. އެއިހާލު ވަޙީކުރެއްވިއެވެ. ﴿وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ﴾ (آل عمران: ١٣٤) މާނައީ: "އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙުސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެން ވެއެވެ."
ރުޅިމަޑުކުރުމާ މަޢާފުދިނުމާ އެކުއެކީ ގެންނެވުމުން އެނގެނީ އެ ދެކަންތައް ގުޅިލާމެހިފައި ވާ ކަމެވެ. ޙަޤީޤީ މާނައިގައި މާފުދިނުމަކީ ފަސޭހައިން ރުޅި ކޮންޓްރޯލުކުރެވޭނެ ކަމެކެވެ. އިސްވެ ބަޔާންވެ ދިޔަ އާޔަތުގައި ވެސް އެ އަންގަވަނީ އިޙުސާންތެރިން ދެކެ، ﷲ ލޯބިވެވޮޑިގެން ވާކަމާއި އެ އިޙުސާންކަމަކީ މީހުންނަށް މާފުކުރުން ކަމުގައެވެ. މާފުކުރުމަކީ އެކީއެކަށް ރުޅި ދޫކޮށްލުމެވެ. ރުޅިއައިގެން އުޅޭ ނަމަ މާފެއް ނުކުރެވޭނެއެވެ.
އަމުދުން ރަމަޟާންމަސްފަދަ މައްސަރެއްގައި މީސްތަކުން އެއް ބަޔަކު އަނެއް ބަޔަކުދެކެ ރުޅިއައިސްގެން އުޅޭނީ ކޮންފަދައަކުންބާއެވެ؟ މިއީ ތަޤުވާވެރިކަން އިތުރުކުރަންވީ މަހެވެ. އެއީ ﷲއަށް ބިރުވެތިކަން އިތުރުކުރުމެވެ. އެއިލާހަށް ޓަކައި މީސްތަކުންނަށް މާފުދީ އެބައިމީހުންނާ މެދު އޮންނަ ރުޅިވެރިކަން ފުހެލަންވީއެވެ. ހިނދުހިނދުން އަވަސްއަވަހަށް ރުޅި އަންނަން ވީއެއް ނޫނެވެ. ޚާއްޞަކޮށް ނުކައި ހުރުމަކީ ތިމާ ރުޅި އަންނަން ހޯދާ އުޒުރަކަށް އެއްގޮތަކަށް ވެސް ނުހަދާށެވެ!
ހައިހޫނުކަމުގެ ބަހަނައިގައި ރުޅި އައުމާއި ރުޅީގެ މަތީ ދެމިހުރުމާއި ރުޅިދައްކައިގެން ތިމާގެ ބާރު އެހްންމީހުންގެ މައްޗަށް ފޯރުވައި، އަޑުގަދަކޮށް ހެދުމަކީ ރަމަޟާންމަހުގެ ރޫޙާ މުޅީން ޚިލާފު ކަމެކެވެ. ރުޅިއަކީ އިންސާނާގެ ބާރުގަދަކަން ދައްކުވާ އެއްޗެއް ނޫންކަން ދަންނާންޖެހެއެވެ. ޙަޤީޤަތުގައި އެއީ ތިމާ ނިކަމެތިކުރުވާ އެއްޗެއްކެވެ. ބާރުގަދަ މީހުންނަކީ ރުޅީގެ މައްޗަށް ނަފުސު ގަދަކުރާން ދަންނަ މީހުންނެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «ليسَ الشَّدِيدُ بالصُّرَعَةِ، إنَّما الشَّدِيدُ الذي يَمْلِكُ نَفْسَهُ عِنْدَ الغَضَبِ» (رواه البخاري: 6114، ومسلم: 2609) މާނައީ: "ބާރުގަދަ މީހަކީ އަނެކުންގެ މައްޗަށް ގަދަވެގަންނަ މީހާއެއް ނޫނެވެ. އެހެނެއްކަމަކު، ބާރުގަދަ މީހަކީ، ރުޅިއަންނަ ހިނދު އޭނާގެ ނަފުސުގެ މައްޗަށް ބާރުފޯރުވައި ރުޅި މައިތިރިކުރާ މީހާއެވެ."
މި ޙަދީޘުން އެ ކިޔައިދެނީ ހިތުގެ ރޫޙާނީ ބާރުގެ ގަދަކަމެވެ. އެ ބާރުން ތިބާގެ އަމިއްލަ ނަފުސަށް ދިރުން ގެންނަ މީހާއާއި އެބާރުވެރިކަން ނަފުސަށް ނުލިބޭ މީހާގެ ވާހަކައެވެ. ތިމާގެ އަމިއްލަ ނަފުސުގެ ކޮންޓުރޯލު ގެއްލުނީމާ، ބާރުގަދަކަން ގެއްލުނީއެވެ. އެހެން މީހުންގެ ކުރިމަތީ ރުޅިގަދަވާ ވަގުތު އަނެއް މީހާ ތިމާގެ ކުރިމަތީ ހަނުހުރުމުން ތިމާ ގަދަވީ ކަމުގައި ހީކުރެވުނަސް، ޙަޤީޤަތުގައި އަނެއް މީހާ އެ ހުންނަނީ އޭނާގެ ނަފުސުގެ މައްޗަށް ބާރުހޯދައި ތިމާއަށްވުރެ ބާރުގަދަ މީހަކަށް ވެގެންނެވެ. އޭ ލޮބުވެރި އަޚާއެވެ! އޭ ލޮބުވެތި އުޚުތާއެވެ! ތިބާގެ އަމިއްލަ ނަފުސުގެ މައްޗަށް ބާރު ހޯދާށެވެ. ރުޅި ނާންނާށެވެ!