ބޮބީގެ އާ ފިލްމު 'ބަންދަރު' މި އަހަރުގެ މެއި މަހު ސިނަމާތަކަށް

ފިލްމު "ބަންދަރު"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލްގެ އާ ފިލްމު "ބަންދަރު" މި އަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމުގެ ޕޯސްޓަރު ވެސް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އުމުރުން 57 އަހަރުގެ ބޮބީގެ މި ފިލްމަކީ މަގުބޫލު ފިލްމު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށްފައިވާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

މި ފިލްމު ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި ޕްރީމިއާކޮށްފައިވާއިރު ފިލްމާމެދު ކުރެވޭ އުއްމީދުތައް ބޮޑު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް މި ފިލްމަކީ ޕޮލިޓިކަލް ތީމަކަށް އުފައްދާފައިވާ ފިލްމެއް ކަމުން ފިލްމުގެ ވާހަކަ ވަރަށް ބޮޑަށް ޝައުގުވެރިވާނެ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

ސުދިޕް ޝަރުމާ އަދި އަބީޝެކް ބެނަޖީގެ ލިޔެފައިވާ ސްކްރިޕްޓަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި ވަނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މި ފިލްމު ގެނެސްދޭނީ މީގެކުރިންވެސް އަނޫރާގް އެކީގައި މަސައްކަތްކޮށްފައިވާ ޕްރޮޑިއުސަރު ނިކިލް ވިވެދީ އަދި ޒީ ސްޓޫޑިއޯ ގުޅިގެންނެވެ.

ފިލްމު "ބަންދަރު"ގެ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް--ފޮޓޯ/އެންޑީޓީވީ

ބޮބީއާ އެކު މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ ސާނިއާ މަލްހޯތުރާ، ސަޕްނާ ޕައްބީ، ސަބާ އާޒާދު، އިންދަރުޖީތު ސުކުމަރަން، ރިދީ ސެން، ޖިތެންދުރަ ޖޯޝީގެ އިތުރުން ރާން ބީ ޝެޓީ އަދި ޖޯޖޫ ޖޯޖް ހިމެނެއެވެ.

އަނޫރާގް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ މިދިޔަ ހުކުރު ދުވަހު ޒީ5ގައި ޕްރީމިއާކުރި އެކްޝަން ތުރިލާ "ކެނެޑީ"އެވެ. ރާހުލް ބަޓް އާއި ސަނީ ލިއޯން މުހިއްމު ރޯލްތައް ކުޅެފައިވާ "ކެނެޑީ"އަކީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ.

comment ކޮމެންޓް