ރޯދަމަހު ދުވާލު ކާން އިން ދިވެހި ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ކާން އިންދައި މި ފަހަރު ހައްޔަރު ކުރީ، ޅ. ކުރެންދޫ މީހެކެވެ. އޭނާ ހައްޔަރު ކުރީ، ވައްކަމުގެ ތުހުމަތުގައެވެ. އެއީ، މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ.
އޭނާ ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ އުޅޭނެ ތަނެއް ނެތެވެ. އަދި ކާނެ ގޮތެއް ބޯނެ ގޮތެއް އަދި ވަޒީފާއެއްވެސް ނެތެވެ. އޭނާ ނިދަނީ މަގުމަތީގަޔާއި ޖޯލި ފަތިތަކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނާ ފެނުނުއިރު އިނީ ކާށެވެ. އޭނާ ކާން އިންއިރު، ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެ ރޫޅާލަން ބޭނުންކުރާ ޓޫލްސް ހުއްޓެވެ. އަދި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ސީސީޓީވީ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަންވެސް ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރޯދަ މަހު ދުވާލު ކާން އިންދައި އިތުރު މީހަކު ހައްޔަރު ކުރިއިރު، މިއީ މި ރޯދަ މަހު މިހާތަނަށް ދުވާލު ގަޑީގައި ކޭ މައްސަލަ ދިމާވި ތިންވަނަ މީހާއެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުވެސް މާލޭން، ބޮޑު ދެ ފިރިހެނުން ދުވާލު ގަޑީގައި ކެއި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަނެއް މީހާގެ ބަންދަށްވަނީ ދިހަ ދުވަސް ޖަހައިފައެވެ.