ދަތުރުވެރީންނަށް ޚާއްސަކޮށް ކެނދިކުޅުދޫ ބަނދަރުމަތީގައި ސިޔާމްގެ މަންމާފުޅުގެ ނަމުގައި މިސްކިތެއް

ދަރުވެރީންނަށް ޚާއްސަކޮށް ކެނދިކުޅުދޫ ބަނދަރުމަތީގައި ބިނާކުރި މިސްކިތް: އެއީ ސިޔާމްގެ މަންމާފުޅުގެ ނަމުގައި ބިނާކުރި މިސްކިތެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ނ. ކެނދިކުޅުދޫ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ދަތުރުވެރީންނަށް ޚާއްޞަކޮށް އެ ރަށުގެ ބަނދަރުމަތީގައި މިއަދު މިސްކިތެއް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދާއި ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙަންމަދު ރައޫފެވެ.

މި މިސްކިތް އަޅުއްވައިދެއްވައިފައި ވަނީ ސިޔާމްގެ އަމިއްލަ ޚަރަދުގައި ކައުންސިލުން ފޮނުވި ކުރެހުމާ އެއްގޮތަށް، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށެވެ.

ދަރުވެރީންނަށް ޚާއްސަކޮށް ކެނދިކުޅުދޫ ބަނދަރުމަތީގައި ބިނާކުރި މިސްކިތް ސިޔާމް ހުޅުވައިދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި މިސްކިތުގެ ނަން ނިސްބަތްކުރައްވާފައި ވަނީ އެމަނިކުފާނުގެ މަންމާފުޅަށެވެ. މިސްކިތުގެ ނަމަކީ، މަސްޖިދު ޝަމީމާ ޢަބުދުﷲއެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޔާމްގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި އެ އަތޮޅު ކުޑަފަރީގެ ވަރަށް ގިނަ ރައްޔިތުންނާއި ކެނދިކުޅުދޫގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ.

މި މިސްކިތަކީ އެ ރަށުގައި ބޭއްވި ފުޓުބޯޅަ މުބާރާތެއް ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ސިޔާމް ވަޑައިގަތުމުން އެ ރަށުގެ ކައުންސިލުގެ ރައީސް ރައޫފާއި އެ ރަށުގެ ކަމުވޮށިގެންވާ އިސް ބޭފުޅުންގެ އެދިވަޑައިގަތުމަށް އެ ރަށުގައި ސިޔާމް ބިނާކޮށްދެއްވި މިސްކިތެކެވެ.

ދަރުވެރީންނަށް ޚާއްސަކޮށް ކެނދިކުޅުދޫ ބަނދަރުމަތީގައި ބިނާކުރި މިސްކިތް: އެއީ ސިޔާމްގެ މަންމާފުޅުގެ ނަމުގައި ބިނާކުރި މިސްކިތެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ކައުންސިލުގެ ރައީސް ވިދާޅުވީ ކެނދިކުޅުދޫއަކީ ވަރަށް ގިނަ ދަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވާތީ، އެ ސަރަހައްދުގައި މިސްކިތެއް ނެތުމަކީ އެ މީހުންނަށް ފޯރާފައިވާ ދައްޗެއް ކަމަށެވެ. އަދި ޚާއްސަކޮށް އެ ސަރަހައްދުގައި މިހާރު އަޅަމުންދާ ހޮސްޕިޓަލު ނިމުމުން އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ މިސްކިތެއް ނެތުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑު ދައްޗަކަށް ވާނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު އެ ދަތިކަން ފިލައި އެ ދިޔައީ ސިޔާމް އަމިއްލަ ޚަރަދުގައި އެ ތަނުގައި އަޅުއްވައިދެއްވި މިސްކިތުގެ ސަބަބުން ކަމަށާއި، މިއަދު ހުޅުވުނު މި މިސްކިތަކީ، ރަށުގެ ބަނދަރަށް އަންނަ ދަތުރުވެރީންނަށް ފަސޭހަކަމާއެކު ނަމާދުކުރުމަށް ޚާއްސަކުރެވިފައިވާ މިސްކިތެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ތަނުގައި މިސްކިތެއް ނެތުމުގެ ސަބަބުން އެ ތަނަށް އަންނަ މީހުންނަށް ނަމާދުކުރުމަށް ދަތިވާތީ އެކަން ހައްލުކޮށްދެއްވުމަށް ސިޔާމްގެ އަރިހުގައި އެދުމާއެކު އެކަން ކޮއްދެއްވާނެ ކަމަށް ވިދާޅުވިކަމަށާއި އަދި އެކަން ކޮށްދެއްވައި މި މިސްކިތް ހުޅުއްވައިދެއްވީ ބިންގާ އެޅިދުވަހުން ފެށިގެން ގާތްގަނޑަކަށް ތިން މަސް ދުވަސްތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުވެރީންނަށް ޚާއްސަކޮށް ކެނދިކުޅުދޫ ބަނދަރުމަތީގައި ބިނާކުރި މިސްކިތް ސިޔާމް ބައްލަވައިލައްވަނީ: އެއީ ސިޔާމްގެ މަންމާފުޅުގެ ނަމުގައި ބިނާކުރި މިސްކިތެއް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ކައުންސިލުން އެދިވަޑައިގަތީ ދަތުރުވެރީންނަށް ނަމާދުކޮށްލެވޭނެ ކުޑަކުޑަ މިސްކިތެއް އަޅައިދިމުމަށް ކަމަށެވެ. އަދި ކައުންސިލުން ފޮނުވި ކުރެހުމާ އެއްގޮތަށް މިސްކިތް ނިންމާ ކައުންސިލާ ހަވާލު މިކުރަނީ އުފަލާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސްކިތުގެ ކުރެހުން ކައުންސިލުން ލިބުނު އިރު މުންނާރެއް ވެސް ހިމަނާފައި ނެތް ކަމަށާއި އެހެންނަމަވެސް މިހާރު މިސްކިތާ އެކަށީގެންވާ މުންނާރެއް ވެސް ހުންނާނޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ނަމާދަށް ފަރުވާތެރިވުމަށް ސިޔާމް ނަސޭހަތްތެރިވެ ވަޑައިގަތެވެ.

މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު، އެ މިސްކިތުގައި އިމާމުވެ ނަމާދުކުރެއްވީ ވެސް ސިޔާމެވެ. އެއަށް ފަހު ކެނދިކުޅުދޫ ބަނދަރުގައި ތައްޔާރުކޮށްފައިވާ ރޯދަވީއްލުމެއްގައި ވެސް އެމަނިކުފާނާއި އެ ސަރަހައްދަށް ޒިޔާރަތްކުރި އެންމެހައި ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް