ކާތިކް އާއި އަނަނިޔާގެ ފިލްމު 'ތޫ މެރީ މޭ ތެރާ' އެމެޒޯން ޕްރައިމްއަށް

ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރޭ ތޫ މެރީ"--ފޮޓޯ/ފިލްމުފެއަ

މިދިޔަ ޑިސެމްބަރު މަހު ސިނަމާތަކުގައި އެޅުވި ކާތިކް އާރްޔަން އާއި އަނަނިޔާ ޕާންޑޭގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރޭ ތޫ މެރީ" އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި ފިލްމު އެމެޒޯން ޕްރައިމްއަށް ދޫކޮށްލިކަން ދަރުމާއިން ވެސް އިއުލާނުކުރިއިރު އެމެޒޯން ޕްރައިމް ވީޑިއޯ އަކީ މި ފިލްމުގެ އެކްސްކްލޫސިވް ގްލޯބަލް ސްޓްރީމިންގް ޕާޓްނާއެވެ.

މި ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ފިލްމުގައި އަނަނިޔާ ގެނެސްދިން ކެރެކްޓާއަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އޯލްޑް ސްކޫލް ރޮމޭންސް ސްޓައިލަށް ގެނެސްދިން "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އަކީ ދަރުމާ ޕްރޮޑަކްޝަން ކާތިކް ކުޅުނު ފުރަތަމަ ފިލްމެވެ.

ސަމީރު ސަންޖޭ ވިދުވަންސް ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ކަރަން ވެސް ހިމެނެއެވެ.

ކާތިކްގެ އާ ފިލްމު "ނާގްޒިއްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ

އަނަނިޔާ އާއި ކާތިކްގެ އިތުރުން މި ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ މުހިއްމު ތަރިންގެތެރޭ ނީނާ ގުޕްތާ، ޖެކީ ޝްރޮފް، ޓިކޫ ތަލްސާނިއާގެ އިތުރުން ގްރޫޝާ ކަޕޫރު ވެސް ހިމެނެއެވެ.

މި ފިލްމަކީ އަނަނިޔާ އާއި ކާތިކް އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ. ދެ ތަރިން އެންމެ ފުރަތަމަ އެކީގައި މަސައްކަތްކޮށްފައި ވަނީ 2019 ވަނަ އަހަރު ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގައެވެ.

ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރޭ ތޫ މެރީ"އަށްފަހު ކާތިކްއަށް ދަރުމާޣެ އިތުރު ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ވަނީ ލިބިފައެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަސައްކަތްފެށި ފިލްމު "ނާގްޒިއްލާ" ހިމެނެއެވެ.

comment ކޮމެންޓް