އެޕްސްޓީންގެ ފައިލްތައް: ދުނިޔޭގެ ލީޑަރުންނާއި ބިލިއަނަރުންގެ ނަންތައް!

ޖިންސީ ކުށްތަކާ ވަގުފާރީގެ ބޮޑެތި ތުހުމަތުތަކެއް އޮތް ޖެފްރީ އެޕްސްޓީން -- ފޮޓޯ: އެންޓީ

އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންގެ ޖިންސީ ވަގުފާރީގެ މައްސަލައާ ގުޅޭ ތިން މިލިއަނަށްވުރެ ގިނަ ސަފުހާގެ ސިއްރު ލިޔެކިޔުންތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފިއެވެ.

މި ލިޔެކިޔުންތަކާއެކު ދުނިޔޭގެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންނާއި، ޝާހީ އާއިލާތަކުގެ މެންބަރުންނާއި، ބިލިއަނަރުންގެ ނަންތައް ވަނީ ފަޅާއަރާފައެވެ.

އެޕްސްޓީން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓްގެ ދަށުން އާންމުކުރި މި ހެކިތަކުގެ ތެރޭގައި 2،000 އަށްވުރެ ގިނަ ވީޑިއޯ އާއި 180،000 ފޮޓޯ ހިމެނޭ ކަމަށް އެމެރިކާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވިއެވެ. މި ލިޔެކިޔުންތަކުގައި އަނިޔާ ލިބުނު 43 މީހެއްގެ ނަން ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ.

މި ފައިލްތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓެސްލާގެ ސީއީއޯ އީލޮން މަސްކް އަދި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ނަން ހިމެނޭ ---

އެމެރިކާގެ އިސްވެރިންގެ ނަންތައް:

މި ފައިލްތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓެސްލާގެ ސީއީއޯ އީލޮން މަސްކް އަދި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ނަން ހިމެނެއެވެ.

އެޕްސްޓީންގެ އީމެއިލްތަކެއްގައި ބިލް ގޭޓްސްއާ ގުޅޭ ބައެއް ތުހުމަތުތައް ހުރި ނަމަވެސް، ގޭޓްސް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ މި ލިޔެކިޔުންތަކުން އޭނާގެ ކުށެއް ނެތްކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހޮވާޑް ލުޓްނިކް ވެސް އެޕްސްޓީންގެ ރަށަށް ޒިޔާރަތްކުރި ކަމުގެ ހެކިތައް ވަނީ ފެނިފައެވެ.

ޔޫރަޕްގެ ޝާހީ އާއިލާތަކާއި ސިޔާސީ ލީޑަރުން:

ބްރިޓަންގެ ޕްރިންސް އެންޑްރޫއާ އެޕްސްޓީންއާ އޮތް ގާތް ގުޅުން ހާމަވާ ފޮޓޯތަކާއި އީމެއިލްތައް މި ފައިލްތަކުގައި ހިމެނެއެވެ. އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވަނީ މިކަމާ ގުޅިގެން އެންޑްރޫ އެމެރިކާގެ ކޮންގްރެސްއަށް ބަޔާން ދެއްވަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ ރައީސް އިމަނުއަލް މެކްރޯންގެ ނަން ވެސް ބައެއް އީމެއިލްތަކުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ނޯވޭގެ ކްރައުން ޕްރިންސަސް މެޓޭ-މާރިޓް ވަނީ އެޕްސްޓީންއާ ބައްދަލުވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސްވިޑަންގެ ޕްރިންސަސް ސޯފިއާ އާއި ޑެންމާކުގެ ރަސްގެފާނު ފްރެޑްރިކްގެ ނަން ވެސް މި ލިޔެކިޔުންތަކުގައި ހިމެނެއެވެ.

އިސްރާއީލާއި މެދުއިރުމަތި:

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް، އެޕްސްޓީންގެ ނިއުޔޯކް އެޕާޓްމަންޓްގައި އެތައް ފަހަރަކު މަޑުކުރެއްވި ކަމަށާއި، ޓްރަމްޕްއާ ބައްދަލުކުރުމަށް އެޕްސްޓީންގެ އެހީތެރިކަމަށް އެދިވަޑައިގަތްކަން ވަނީ ހާމަވެފައެވެ.

މެދުއިރުމަތީގެ ވިޔަފާރިވެރިންނާއެކު އެޕްސްޓީން ބޭއްވި މުއާމަލާތްތަކުގެ ތެރޭގައި ލީބިޔާގެ ފައިސާ ހޯދުމަށް ކުރީގެ އެމް.އައި.ސިކްސް އަދި މޮސާޑް އެޖެންޓުން ބޭނުންކުރުމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ.

ޔޫކްރެއިން އަދި ރަޝިއާ:

ފައިލްތަކުން ހާމަވާ ގޮތުގައި، ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ގުޅޭ ބައެއް ނޯޓްތައް އެޕްސްޓީން ލިޔެފައިވެއެވެ. އަދި ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންގެ ބަދަލުގައި އެހެން ބޭފުޅަކު ވެރިކަމަށް ގެނައުމާ ބެހޭ ޚިޔާލުތަކެއް ވެސް އީމެއިލްތަކުގައި ހުއްޓެވެ.

ޖެފްރީ އެޕްސްޓީން މަރުވެފައިވަނީ 2019 ވަނަ އަހަރު ޖަލުގައި ހުއްޓައެވެ. މި ލިޔެކިޔުންތައް އާންމުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިކަމުގައި ޝާމިލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ދަނީ ގޮވާލަމުންނެވެ.

ޖެފްރީ އެޕްސްޓީން އަކީ އެމެރިކާގެ ނުފޫޒުގަދަ މަހުޖަނެއްގެ ގޮތުގައި މަޝްހޫރުވި، ނަމަވެސް ފަހުން ޖިންސީ ވަގުފާރީގެ ބޮޑެތި ކުށްތަކެއް ސާބިތުވި މީހެކެވެ. އޭނާގެ މައްޗަށް ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހެދުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖިންސީ ވަގުފާރީގެ ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ދެހާސް އަށް ވަނަ އަހަރު ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ފުރަތަމަ ފަހަރަށް ކުށް ސާބިތުވި ނަމަވެސް، އޭނާއަށް އޭރު ލިބުނީ ވަރަށް ލުއި އަދަބެކެވެ. ނަމަވެސް، 2019 ވަނަ އަހަރު ފެޑެރަލް ފެންވަރުގައި ކުރެވުނު ޖިންސީ ވަގުފާރީގެ އާ ތުހުމަތުތަކަކާ ގުޅިގެން އަލުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އޭނާ މަރުވެފައި އޮއްވާ ފެނުނީ ނިއުޔޯކްގެ ޖަލެއްގެ ގޮޅީގައެވެ.

އޭނާގެ މަރަކީ އަމިއްލައަށް މަރުވުމެއް ކަމަށް ރަސްމީ އިދާރާތަކުން ބުނި ނަމަވެސް، އެކަމާ މެދު މިއަދާ ހަމައަށް ވެސް ގިނަ ބަހުސްތަކަކާއި ޝައްކުތަކެއް ދަނީ އުފެދެމުންނެވެ.

އޭނާގެ އަރިސް މީހުންގެ ތެރޭގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ސިޔާސީ މީހުންނާއި މަހުޖަނުން ހިމެނޭތީ، މި މައްސަލައަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް