'ކިންގް' ޓައިޓްލް އަކީ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް: ޝާހު

ބޮލީވުޑްގެ ކިންގް ޚާންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހްރުކް ޚާން ސަޕޯޓަރުންނާ އެކު އިވެންޓެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން ގިނަ ބަޔަކު މުޚާތަބުކޮށް އިންޑަސްޓްރީގެ 'ކިންގް'ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް އެއީ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާން ބުނެފިއެވެ.

ޝާހުގެ ސަޕޯޓަރުން "ކިންގް ޚާން"ގެ ލަގަބު އެކްޓަރަށް ދީފައި ވަނިކޮށް ޝާހުގެ އާ ފިލްމުގެ ނަމުގެ ޓައިޓްލައަކީ ވެސް އިއްތިފާގަކުން "ކިންގް"އެވެ.

ނަމަވެސް ފިލްމުގެ ޓައިޓްލް އަކީ "ކިންގް" ކަމަށްވީ ނަމަވެސް އެއީ ހެޔޮ ހިތަކާ އެކު އިންސާނިއްޔަތުކަން އިސްކޮށް ކިބުރުވެރިކަމާއި ބޮޑާކަމެއް ނެތި އާއްމުންނަށް ޚިދުމަތްތަކެއް ކޮށްދިނުމަށް ހަނދާންއާ ކުރުވާ ކަމެއް ކަމަށް ޝާހު ވަނީ ބުނެފައެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ، "ކިންގް" އެ ބަހަކީ އެއްވެސް އިރަކު މާ ބާރުގަދަ މީހެއްގެ އިހުސާސް އޭނާއަށް ކުރުވި ބަހެއް ނުވަތަ ލަގަބެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ޝާހުގެ ދިރިއުޅުމުގެ އެ ޒިންމާ ގުޅިފައި ވަނީ އެކްޓަރަށް އިތުބާރުކުރާ އޯޑިއަންސަށް އުފެއްދުންތެރި އަދި ޝައުގުވެރި ވާހަކަތަކެއް ސިނަމާ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "ކިންގް"ގެ ޓީޒާގެ މަންޒަރެއްގައި ޝާހު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު އިންޑަސްޓްރީގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށް އަދިވެސް އެކްޓަރެއްގެ ގޮތުގައި ދެމިހުރި ޝާހު ބުނީ ލިބޭ ޓައިޓްލްގެ ފަހަތުގައި އަބަދުވެސް ފޮރުވިފައި އޮންނާނީ ރަނގަޅު ނިޔަތުގައި ކުރާ މަސައްކަތްތައް ކަމަށާއި ބެލުންތެރިން ބަލައިގަންނާނީ އެކަންކަން ކަމަށެވެ.

އެހެންވެ އަބަދުވެސް މަސައްކަތް ކުރަނީ އޯޑިއަންސްގެ ހިތް އުފާވާނެ ކަހަލަ މަސައްކަތްތަކެއް ސިނަމާ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް 60 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.

ޑިޒްނީގެ ފިލްމު "ދަ ލަޔަން ކިންގް"އަށް ހިންދީ ބަހުން އަޑު އަޅައިދީފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "ކިންގް"އަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ޝާހުގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒް އާއި ސިދާތް އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ސިދާތުއެވެ. ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "ކިންގް"ގެ ކާސްޓުންގެތެރޭ ދީޕިކާ ޕަދުކޯން، އަބިޝޭކް ބައްޗަން، އަނިލް ކަޕޫރު، ޖެކީ ޝްރޮފް، އަރުޝަދު ވަރްސީ އަދި އަނިލް ކަޕޫރު، ޖައިދީޕް އަހްލަވާތުގެ އިތުރުން ޒުވާން އެކްޓަރުން ކަމަށްވާ ރާގަވް ޖުޔަލް އަދި އަބޭ ވަރުމާ ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24ގައެވެ.

comment ކޮމެންޓް