ޗާގޯސް މޮރިޝަޝް އަށް ދިނުމަކީ ގޯހެއް ކަމަށް އަނެއްކާވެސް ޓްރަމްޕް ވިދާޅުވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒިރު ކޭއާ ސްޓާމާ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ). ޗާގޯސް ރަށްތައް މޮރިޝަޝްއަށް ދިނުމުގެ މައްސަލައިގައި ޓްރަމްޕް ވަނީ ސްޓާމާއަށް ފާޑުވިދާޅުވެފައި. ފޮޓޯ/ރޮއިޓާސް

ޗާގޯސްގެ ރަށްތައް މޮރިޝަޝްއާ ހަވާލުކުރުމަކީ ހަދާ ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ޗާގޯސްގެ ރަށްތައް ހަވާލުކުރުމުގެ އެއްބަސްވުމަށް ރަސްމީކޮށް ރުހުން ދިންތާ އެއް ދުވަސް ފަހުންނެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖެނުއަރީ މަހު ވެސް އެކަަމަށް ފާޑުވިދާޅުވެ، އެއީ ގަމާރު ކަމެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އޭގެފަހުން ފެބްރުއަރީ މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަފުޅަށްފަހު، އެއީ އެންމެ ރަނގަޅު އެއްބަސްވުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޗާގޯސް ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް އަނބުރާ ދިނުމާމެދު ޓްރަމްޕްގެ ޓްރޫތު ސޯޝަލްގައި ލިޔުއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މިހާތަނަށް ނޭނގޭ ފަރާތްތަކުން ކުރާ ތުހުމަތުތަކުގެ ސަބަބުން މި މުހިންމު ރަށްތަކުގެ ކޮންޓްރޯލް ސްޓާމާ އަށް ގެއްލިގެންދާ ކަމަށް އިންޒާރު ދެއްވާފައެވެ.

އެމެރިކާއާއެކު އެއްބަސްވުމެއް ހަދަން އީރާނުން އެއްބަސްނުވެއްޖެނަމަ، އީރާނުން ދީފާނެ ހަމަލާއެއް ދިފާއުކުރުމަށް އެމެރިކާއަށް ޑިއެގޯ ގާސިއާ އާއި ފެއާފޯޑް އެއާފީލްޑް ބޭނުން ކުރަން ޖެހިދާނެ ކަމަށާއި އިނގިރޭސިވިލާތާއި އެކުވެރި އެހެން ގައުމުތައް ވެސް އެފަދަ ހަމަލާއެއްގެ އަމާޒަކަށް ވެދާނެ ކަމަށް ޓްރަމްްޕް އިތުރަށް ވިދާޅުވެފައިވެއެވެ.

ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމާ ދެކޮޅުހެދުމަށް ޗާގޯސްގެ އަސްލު ރަށްވެހިން ކަމަށް ބުނާ ހަތަރު މީހަކު ވެސް ވަނީ މިދިޔަ ހޯމަ ދުވަހު އެތަނުގެ ޕެރޮސް ބަންހޯސް އަތޮޅުގައި އޮންނަ ކޮއިން އައިލެންޑަށް އަރާފައެވެ.

އެމީހުން ބުނާ ގޮތުގައި އިނގިރޭސިވިލާތުން މޮރިޝަޝްއާ ހަވާލުކުރަނީ އެމީހުންގެ ރަށްތަކެވެ. އަދި ބޭނުން ވަނީ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ޗާގޯސް ބާއްވަން ކަމަށް އެމީހުން ބުނެފައިވެއެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

ޗާގޯސް ޖަޒީރާގެ އެންމެ ބޮޑު ޖަޒީރާ އަދި އިންޑިއާ ކަނޑުގެ މެދުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރި ސަރަހައްދު ޑިއޭގޯ ގާސިއާ (ފޯޅަވަހި). ފޮޓޯ/ރޮއިޓާސް

ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގައި މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.

މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުން ވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދޭން ނިންމާފައެވެ. ނަމަވެސް ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ، އިނގިރޭސި ވިލާތާއި އެމެރިކާއިން އަސްކަރީ މަރުކަޒު ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) 99 އަހަރަށް ކުއްޔަށް ދީ، އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބާއްވަން މޮރިޝަސްއާ އެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

ނަމަވެސް، އެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއް ކަމަށް މި މަހުގެ ފަސްވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ދިވެހިރާއްޖޭގެ ރައީސް ޑރ.މުޙައްމަޒު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިޓްލޮސްއިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް މުޢިއްޒު އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް, ދިވެހި ސިފައިން އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަމަށް، ރާއްޖޭގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް