ވައިޓް ހައުސް ކައިރީގައި ހުރި ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ބަޑީގެ ހަަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހަކު މަރާލައިފިއެވެ.
އެމެރިކާ ގަޑިން އިއްޔެ އިރުއޮއްސި ހައެއް ޖަހާ އެހާހާކަންހާއިރު، އެ ހާދިސާ ހިނގީ ބަޑީގެ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ، ނަސީރު ބެސްޓް ކިޔާ މީހަކު ވޮޝިންޓަން ޑީސީގެ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ހިސާބުގައި ހުންނަ ސީކްރެޓް ސާވިސްގެ ޗެކްޕޮއިންޓަކަށް ކައިރިވެ، ދަބަހުން ބަޑި ނަގައި އެ ތަނުގައި ތިބި އޮފިސަރުންނަށް އަމާޒުކޮށް ހަމަލާ ދިނުމުންނެވެ.
އެމެރިކާގެ ރައީސް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފެޑެރަލް އިދާރާ ސީކްރެޓް ސާވިސްއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ، މިހާތަނަށް ބެލި ބެލުމުން ޝައްކު ކުރެވޭ މީހާ ވަނީ ޗެކްޕޮއިންޓާ ހަމައަށް ދިއުމުގެ ކުރިން ދަބަހުގައި ހަތިޔާރު ފޮރުވާފައި ކަމަށެވެ.
އެ ހަމަލާގެ ރައްދުގައި އެޖެންޓުން ބަޑިޖެހުމުން، އެ މީހާ ވަނީ މަރުވެފައެވެ.
ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭރު ހުންނެވީ ވައިޓް ހައުސްގެ ތެރޭގައި ކަމަށާއި އެ މަނިކުފާނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ވައިޓް ހައުސްގެ ނޯތު ލޯންއިން 30 އަށް ވުރެ ގިނަ ފަހަރު ބަޑީގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ މާކްވޭން މުލިން ވިދާޅުވީ، ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށެވެ.

އޭޖެންޓުންނަށް ހަމަލާ ދިން ކަމަށް ޝައްކު ކުރެވެނީ އުމުރުން 21 އަހަރުގެ މީހެއް. ފޮޓޯ/ގެޓީ
"މި ހާދިސާއަކީ އަޅުގަނޑުމެންގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ކޮންމެ ދުވަހަކު ވެސް ނުރައްކާތައް ކުރިމަތިވާކަން ހަނދާންކޮށްދޭ ކަމެއް،" އެކްސްގައި މުލިން ލިޔުއްވާފައިވެއެވެ.
ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ އުމުރުން 21 އަހަރުގެ ނަސީރު ބެސްޓަކީ ވައިޓް ހައުސްއަށް ވަންނަން އުޅުމުން 2025 ވަނަ އަހަރުގެ ޖުލައި މަހު ހައްޔަރު ވެސް ކޮށްފައިވާ މީހެއް ކަމަށާއި އޭގެ ފަހުން އޭނާ ވަނީ ނަފުސާނީ ބައްޔަށް ފަރުވާދޭ ފެސިލިޓީއަކަށް ފޮނުވާލާފައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވާއިރު، މި މަހުގެ ފަސްވަނަ ދުވަހު ވެސް ވައިޓް ހައުސް ކައިރީ ހުންނަ ވޮޝިންޓަން މޮނިއުމަންޓް ކައިރީގައި ތިބި ސީކްރެޓް ސާވިސް އެޖެންޓުންނަށް އަމާޒުކޮށް ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ.
އޭގެ ކުރިން އޭޕްރީލް 25 ގައި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ޑިނާ ބޭއްވި ޑީސީ ހޮޓަލުގައި ވެސް މީހަކު ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާ ދިން ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޮމާސް އެލެންގެ މައްޗަށް ދައުވާކޮށްފައިވަނީ ޓްރަމްްޕް އަވަހާރަކޮށްލަން އުޅުނުކަމުގެ ދައުވާއެވެ.
ޓްރަމްޕް އަވަހާރަކޮށްލުމަށް 2024 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާއިރު، އެ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕް ވަނީ ޒަޚަމުވެވަޑައިގަންނަވާފައެވެ. އެ ހާދިސާގައި ބަޑިޖެހީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އެ މީހާ ފުލުހުން ވަނީ މަރާލާފައެވެ.