މި ރަމަޟާން މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން އޮފީސް ނިމުމުގެ އެއް ގަޑިއިރު ކުރިން ގެއަށް ދިއުމުގެ ހުއްދަ އިންޑިއާގެ ހައިދަރްއާބާދުގެ ސްޓޭޓެއް ކަމަށްވާ ތަލަންގާނާ ސަރުކާރުން ދީފިއެވެ.
ޗީފް ސެކްރެޓަރީ ކޭ ރާމާކްރިޝްނާ ރާއޯ ރަސްމީ މެމޮރެންޑަމެއް ނެރުއްވައި، ޓީޗަރުންނާއި ކޮންޓްރެކްޓް އަދި އައުޓްސޯސް ސްޓާފުންނާއި ބޯޑުތަކާއި ކޯޕަރޭޝަންތަކުގެ މުވައްޒަފުންނާއި ޕަބްލިކް ސެކްޓާގެ މަސައްކަތްތެރިން ހިމެނޭ ގޮތަށް ސަރުކާރުގެ މުސްލިމް މުވައްޒަފުންނަށް ރަމަޟާންމަހު ހަވީރު 4 ޖަހާއިރު އޮފީސް ނުވަތަ ސްކޫލްތަކުން ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ.
ޚިދުމަތުގެ ދަތިތަކާ ގުޅިގެން މުވައްޒަފުން ޑިއުޓީގައި ތިބެން ޖެހޭ ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައި އެގޮތަށް އަމަލުކުރާނީ މިއަދުން ފެށިގެން މާޗް 20ގެ ނިޔަލަށެވެ.
އެ ސްޓޭޓްގެ ޑިރެކްޓަރު އޮފް ސްކޫލް އެޑިއުކޭޝަނުން ވަނީ ރަމަޟާން މަހު ސްކޫލްތަކުގެ ގަޑިތަކަށް ވެސް ބަދަލު ގެންނަން ފާސްކޮށްފައެވެ.
މީގެ އިތުރުން އަންދްރާ ޕްރަދޭޝް ސަރުކާރުން ވެސް ވަނީ މިފަދަ އަމުރުތަކެއް ނެރެ، ސަރުކާރުގެ އޮފީސްތަކާއި ތައުލީމީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހު އެއްގަޑިއިރު ކުރިން މަސައްކަތް ނިންމައި ގެއަށް ދިއުމުގެ ހުއްދަ ދީފައެވެ.
އޮފިޝަލުން ވިދާޅުވީ އެ ފިޔަވަޅަކީ ރަމަޟާން މަހު ދީނީ ކަންކަން ކުރުމަށް މަގުފަހިކޮށްދޭ ފިޔަވަޅެއް ކަމަށާއި، ކުއްލި ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އެގޮތަށް ތަންފީޒު ކުރުމަށް ޑިޕާޓްމަންޓްތަކަށް އަންގާފައިވާ ކަމަށެވެ.