ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ބަރުބަރީ މިސްކިތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

އެއް އަހަރުތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ރައީސް ހުޅުވައިދެއްވަނީ -- ފޮޓޯ: ޕީއެސްއެމް ނިއުސް

ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އަމިއްލަ ފަރާތެއްގެ ދީލަތި އެހީއެއްގެ ދަށުން 1،400 މީހުންގެ ޖާގައިގައި އިމާރާތްކޮށް ނިންމާފައިވާ ބަރުބަރީ މިސްކިތް ހުޅުވާފައި ވަނީ މިއަދުގެ އަސުރު ނަމާދަށެވެ.

ރައީސް ވަނީ މިސްކިތް ހުޅުވުމަށްފަހު މިސްކިތުގެ އެކި ސަރަހައްދުތައް ބައްލަވާ މިއަދުގެ އަސްރު ނަމާދު އެ މިސްކިތުގައި ކުރައްވައިފައެވެ.

ބަރުބަރީ މިސްކިތަކީ މީގެ ކުރީން ގިނަ ބަޔަކު ބޭނުންކުރަމުންދިޔަ މާލޭގެ މުހިންމު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ މިސްކިތެކެވެ. މަސްޖިދު ޔޫސުފުލްބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން އަމިއްލަ ފަރާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް ރަސްމީކޮށް މިސްކިތް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.

https://sun.mv/187888

އެއް އަހަރު ދުވަހުން ނިންމާފައިވާ ބަރުބަރީ މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކޮށް ނިންމާފައިވާ މިސްކިތެކެވެ. މިސްކިތުގެ އެތެރެ ފަރުމާކުރެވިފައި ވަނީ އިސްލާމިކް އެކި އާކިޓެކްޗާ ބޭނުންކޮށް އެކި ޑިޒައިން ބޭނުންކޮށްގެންނެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ރަމްޟޯން މަހާއި ދިމާކޮށް ރާއްޖޭގައި ގިނަ މިސްކިތްތަކެއް ހުޅުވާފައި ވާއިރު ގިނަ މިސްކިތްތަކެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް