ޔޫސުފުލްބަރުބަރީ ހުރި ބިމުގައި، ރޯދަމަހަށް ފަހު އައު މިސްކިތެއް އަޅަނީ

ޔޫސުފުލްބަރުބަރީ ހުރި ބިމުގައި ދެ ބުރީގެ އައު މިސްކިތެއް އެޅުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ

މަސްޖިދު ޔޫސުފުލްބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަމިއްލަ ފަރާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއި ކޮށްފައިވަނީ, ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަމިއްލަ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އައު މިސްކިތް ރަނގަޅު ފެންވަރަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޔޫސުފުލްބަރުބަރީ ހުރި ބިމުގައި ދެ ބުރީގެ އައު މިސްކިތެއް އެޅުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ

މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހަށް ފަހު ކަމަށާއި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރޯދަމަހާ ދޭތޭރޭ އެމިސްކިތް ތަޅާލާފައި މިސްކިތެއް ގާމިއެއް ނުކުރާނަން. ސަބަބަކީ ރޯދަމަހާ ދޭތެރޭ އޮތީ ކުޑަ ދުވަސްކޮޅަކަށްވެފައި، އެ މިސްކިތް ތަޅާލާފާ އެހެން މިސްކިތެއް އެޅުމަކީ އެ ސަރަހައްދުގެ މީހުންނަށް ދަތިވެދާނެ ކަމަކަށް ވާތީ،" ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު، މިސްކިތްތައް އެޅުމަށް އެހީތެރިކަން ދެވެން އޮތް ފަރާތްތަކުން އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ވެސް މުހިންމު، މާތް ކަމެއް. މި ސަގާފަތް އެބަޖެހޭ އަޅުގަނޑުމެންގެ ތޭރެގައި ދިރުވަން،" ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތް ބިނާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ ތިން ކުންފުންޏަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރިއެވެ. އެއީ އެސްޖޭ ކޮންސްޓުރަކްޝަންގެ ފަރާތުން ޒިކުރާ މިސްކިތް ތިން ބުރިއަށް މަރާމާތު ކުރުމަށާއި، އަލީމް ފައުންޑޭޝަނާއި ލިސާ މޯލްޑިވްސްއިން އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އެޅުމަށެވެ.

comment ކޮމެންޓް