ރާއްޖޭގެ އެއާޕޯޓުތަކާ ބެހޭ ކުންފުނި އެމްއޭސީއެލްގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި މި ރަމަޟާން މަހު ކުރުކޮށް، މަސައްކަތްކުރާ ވަގުތު 48 ގަޑިއިރަށް ވުރެ އިތުރުވުމުން ނޫނީ އިތުރުގަޑީގެ ފައިސާ ނުލިބޭ ގޮތަށް ހަދައިފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައިވާ ގޮތުން، މި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތަކީ ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު 1:30 އާ ހަމައަށެވެ.
އެ ސާކިއުލާގައިވާ ގޮތުން، ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ގަޑި ކަނޑއަޅާނީ އެ މުވައްޒަފެއް މަސައްކަތްކުރާ ޑިޕާޓްމަންޓަކުންނެވެ.
ސާކިއުލާގައިވަނީ، ރަސްމީ ވަގުތުގެ ބޭރުން ކުރާ މަސައްކަތްތަކަށް 48 ގަޑިއިރު ނުވާ ނަމަ، އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ނުލިބޭނެ ކަމަށެވެ.
މި ރަމަޟާން މަހު ސަރުކާރު ހުޅުވާފައި ހުންނާނީ ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު އެކެއް ޖެހުމާ ހަމައަށެވެ.
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ އެ ގަޑީގައި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރު ވެސް ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތައް ހުޅުވީ އެ ގަޑިތަކުގައެވެ.
އާއްމު މަސްމަހު ސަރުކާރު އޮފީސްތަތައް ހުޅުވާފައި ހުންނަނީ ހެނދުނު އަށަކުން ފެށިގެން މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.