އެމްއެމްއޭގެ އެޑްވައިޒަރުން ވަކިކޮށް، މަގާމު އުވާލައިފި

މަރިޔަމް ޝިފާ، އިދުހާމް ޙުސައިން އަދި މަރިޔަމް ޙުސައިން ދީދީ: ތިން ބޭފުޅުން ވަކިކޮށް އެމްއެމްއޭގެ އެޑްވައިޒަރުގެ މަގާމު ވަނީ އުވާލާފަ ----

މަރުކަޒީ ބޭންކު އެމްއެމްއޭގެ އެޑްވައިޒަރުންގެ ދައުރު އުވާލައި، އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިއަދު ވަކިކޮށްފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރުގެ އެޑްވައިޒަރުންގެ މަގާމު މިހާތަނަށް ފުރުއްވަމުން ގެންދެވީ މަރިޔަމް ޙުސައިން ދީދީއާއި އިދުހާމް ޙުސައިނާއި މަރިޔަމް ޝިފާއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މަސައްކަތްކުރެއްވި އެ ތިން ބޭފުޅުން ވަކިކޮށް، އެޑްވައިޒަރުންގެ ބޯޑު އުވާލީ މިއަދެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއޭގެ ރަސްމީ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ. އެކަމަކު މިކަމުގެ މައުލޫމާތު އެނގޭ މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ، އެމްއެމްއޭއިން މި ނިންމުން ނިންމީ، ގަވަރުނަރަށް ދޭންޖެހޭ ލަފާ އެޑްވައިޒަރުންނަށް ނުދެވޭތީ، އެއީ މިވަގުތައް އެމްއެމްއޭއާއި ގަވަރުނަރަށް މުޙިއްމު މަގާމުތަކެއް ކަމަށް ނުވާތީއެވެ.

އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަހަރަކު 2.4 މިލިއަން ރުފިޔާ ޚަރަދުވާކަމަށް ވެސް އޮފިޝަލު ފާހަގަކުރެއްވިއެވެ.

އެޑްވައިޒަރުންގެ ދައުރު އިތުރަށް ބޭނުންނުވާ ކަމަށް އެމްއެމްއޭގެ ބޯޑުން ފާސްކޮށް، އެޑްވައިޒަރުންނަށް ނޯޓިސްދީ، ދެ އިޚުތިޔާރެއް މަރިޔަމް ޙުސައިން ދީދީއާއި އިދުހާމް ޙުސައިނާއި މަރިޔަމް ޝިފާއަށް ދީފައިވާ ކަމަށް އެނގިފައިވެއެވެ.

އެއީ ތިން މަސްދުވަހު ވަޒީފާގައި ދެމިހުރުމާއެކު، އިތުރު ތިން މަސްދުވަހުގެ މުސާރާއާއި އިނާޔަތާއެކު މަގާމު އުވިގެންދިއުމެވެ، ނުވަތަ ނޯޓިސް މުއްދަތުގެ ބަދަލުގައި ޖުމުލަ ހަ މަސްދުވަހުގެ ފައިސާއާއި އިނާޔާތްތައް ލިބޭ ގޮތަށް މަގާމު އުވާލުމެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްއެމްއޭއިން އެޑްވައިޒަރުންގެ މަގާމު އުވާލީ އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން ނިންމި ދަނޑިވަޅެއްގައެވެ.

އެ މުއާމަލާތް ހިންގަން އެއްބަސްވި ފަހުން ޕެންޝަން ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒްގެ އިތުރުން، ސީއީއޯ ސުޖާތާ ޙަލީމާއި ސީއެފްއޯ ޙައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް އިސްތިއުފާދެއްވާފައިވެއެވެ.

ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑުތަކަށާއި ޓީބިލަށް ބޮޑަށް ބަރޯސާވުމަކީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ސަރުކާރުގެ ބޮންޑާއި ޓީބިލުން ރިޓާންގެ ގޮތުގައި ކޮންޓްރިބިއުޓާސްއަށް ލިބޭ އެއްޗެއް ކުޑަވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރި މާކެޓަށް އެ ފައިނޭންސް ދޫކުރާނަމަ ޕެންޝަން ފަންޑަށް ފައިސާ ލާ މީހުންނަށް މާ ބޮޑު ރިޓާންއެއް ލިބޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ދެކެއެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް, އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ކުރިން ވިދާޅުވީ، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށެވެ.

comment ކޮމެންޓް