ބިންދާލި ރާޅުން އަރައިގަތީ ހެވިފައި ކޮޅަށް ހުރެ

ސުމަން ރާޅާއަޅަނީ: އެއީ އޭނާ އެންމެ ކުރާހިތްވާ ކަންތައް --

ހެނދުނު ހޭލުމަށް ފަހު، އެންމެ މުހިންމު ކަމަކީ އަތިރިމައްޗަށް ދިއުމެވެ. އަރާމު ނިދިން ހިއްލާލައިގެން، ހެނދުނު ސައި ބޮވެނީ ކިރިޔާއެވެ. އެއީ، ނިދިގަދަކަމަކުން ނޫނެވެ. މޫދަށް ދާން ހުންނަ ފޯރިއަކުންނެވެ. ސައިބޮއެ ނިންމައިގެން ދާނީ އަތިރިމައްޗަށެވެ. އޮޔާއި ރާޅު ހުރިގޮތް ބަލައިލާށެވެ. ރާޅާއަޅާލަން ފައްކާ ނަމަ، އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެ ފުންމާލަނީ މޫދަށެވެ.

މިއީ ކ. ހިންމަފުށީ، މުހައްމަދު ސުމަން (20އ)ގެ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ.

އޭގެ ފަހަތުން ދުވާނެ ހުވަފެނެއް އޮތުމަކީ ދިރިއުޅުމަށް ކިހާ ބޮޑު މާނައެއް ގެނެސްދޭ ކަމެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު، އެންމެ ކުރާހިތްވާ ކަންތައް ކުރަން ލިބުމަކީ ކުޑަ ނަސީބެއް ހެއްޔެވެ؟ ސުމަންގެ ކޮންމެ ދުވަހަކީ ވެސް އެ ނަސީބުގެ އަތުގައި ހިފައިގެން ރާޅާއަޅާލާ ދުވަހެކެވެ.

"ރާޅާއަޅަން ހިތްޖެހުނީ ކުޑައިރު ރައްޓެހިންނާ އެކު ރާޅާއަޅައި، ގޭގައި އުޅޭ މީހުންނާ އެކީ ރާޅާ އަޅައި އެ ގޮތަށް ގޮސް ރާޅަށް ހިތްޖެހުނީ،" ހިންމަފުށީ ގޮނޑުދޮށުގައި އިނދެ، ސުމަން އޭނާގެ ވާހަކަ އެސްއެސްޓީވީގެ މަގޭ ވާހަކަ ޕްރޮގްރާމްގައި ކިޔައިދެމުން ދިޔައެވެ.

ކުޑައިރުގެ ހަނދާންތައް ގުޅިފައިވަނީ މޫދާއެވެ. އުފާވެރި ދުވަސްތައް ހޭދަކުރީ ރާޅުތަކުގެ ތެރޭގައެވެ. ހަޔާތުގެ ހުވަފެން ވަނީ އެ ބާނިތަކާ އެކުގައެވެ.

ބައްޕައަކީ ރާޅާއެޅި މީހެކެވެ. އާއިލާގައި ދެން ތިބި މީހުންގެ ވެސް އެ މާޒީ އެބައޮތެވެ. އެހެންވެ، ސުމަންއަށް މިއީ އާ ކަމެއް ނޫނެވެ. ދަސްކޮށްދޭނެ މީހުން ވެސް އެބަތިއްބެވެ. ލޭގައި އެ ލޯބި އެބަހުއްޓެވެ. އެ ޝައުގު ޔަގީނަށް ވެސް އެބަހުއްޓެވެ.

"ރާޅާއަޅާއިރު ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފާވޭ،"

"ރާޅާއެޅުމަކީ ވަރަށް މީހާ ހިތްހަމަޖެހޭ ކަމެއް. ހުރިހާ ސްޓްރެސްތަކެއް ގޮސް، ވަރަށް ފަސޭހަކަމެއް ލިބޭ،"

ސުމަން: އޭނާއަކީ ރާޅާއެޅުންތެރިއެއް --

އެއީ ކޮންމެ ދުވަހަކު އޭނާ ކުރާ އިހުސާސެވެ. ކުޑައިރުއްސުރެ އެންމެ ބޭނުންވާ ކަންތަކެވެ. އެކަމަކު، ކޮންމެ ދުވަހެއް ވޭތުކުރީ އެ ހުވަފެނީ ދުނިޔެއެއްގައި ވެސް ނޫނެވެ. ބައެއް ދުވަސްތައް ބަނައެވެ. ހިތްދައްޗެވެ. ހުވަފެނާ މީހާ ދުރުވެސް ވިއެވެ. އުންމީދު ގެއްލޭ ހިސާބަށް ވެސް ދިޔައެވެ.

"އަޅުގަނޑު ރަށުން ބޭރަށް ދިޔައީ އެންމެ ދެ މުބާރާތަށް. އެ ދެ މުބާރާތަށް ފަހު، އަޅުގަނޑަކަށް ނުލިބޭ އެއްވެސް ފުރުސަތެއް މުބާރަތަކަށް ދާކަށް،"

ހުވަފެނެއް ހާސިލުކުރަން އެދި ކޮންމެ ދުވަހަކު ކުރާ މަސައްކަތުގައި ކޮޅުފައިން ޖެހުނީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ދެން މި ކަމެއް ނުވާނޭ ހީވީމާ ކުރާނީ ކޮން ކަހަލަ އިހުސާސެއް ބާވައެވެ؟ ކާމިޔާބު ގިނަ މީހުންނަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބެއްގައި އެ އިހުސާސްކުރި މީހުންނެވެ.

އެއީ ވޭނީ އިހުސާސެކެވެ. ކުޑައިރުއްސުރެ ދިރިއުޅުމުގައި އެންމެ ބޭނުންވި ކަންތައް ނުވާނޭ ހީވީމާ ކުރާނެ އަސަރު ވިސްނާލާށެވެ.

ސުމަންއަށް ރާޅާއެޅުން ޚާއްސަވީ އެހެންވެއެވެ. އޭނާއަށް އެ ދުވަސްތައް ހިތިވީ ވެސް އެހެންވެއެވެ.

ސުމަން ރާޅާއަޅަނީ: އެއީ އޭނާ އެންމެ ކުރާހިތްވާ ކަންތައް --

"އަޅުގަނޑުގެ އުންމީދަކީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، ރަނގަޅު ވަނަތަކެއް ހޯދައި، ރާއްޖޭން ބޭރަށް ވެސް ގޮސް ރަނގަޅު ވަނަތަކެއް ހޯދުން،"

ކުޑައިރުއްސުރެ ސުމަންގެ ހުވަފެނަކީ އެއީއެވެ.

ރަށުން ބޭރުގައި ވާދަކޮށްލަން ލިބުނު ދެ ފުރުސަތަށް ފަހު ސުމަންއަށް ކުރެވުނީ އެ ހުވަފެން ބީވާކަމުގެ އިހުސާސެވެ. އިތުރު ފުރުސަތެއް ނުލިބި ދޮރު ބަންދުވީކަމުގެ ނިކަމެތިކަމެވެ.

އެކަމަކު، ސުމަންގެ ހަޔާތަށް ބިންދާލި އެ ރާޅުން އަރައިގަތީ ބޯޑު މަތީގައި ކޮޅަށް ހުރެގެންނެވެ. އެ ހިތްދަތިކަން ފިލުވާލީ އާ ހިތްވަރަކާ އެކު މަސައްކަތް ފަށައިގެންނެވެ. ރަށުގައި އޮތް މުބާރާތްތަކުގައި ބައިވެރިވެގެންނެވެ. އެކި ވަރުގެ ކާމިޔާބީތައް ހާސިލުކޮށްގެންނެވެ. ރާޅުތަކުގައި ފެތެން ދޫކޮށްނުލާ، ހިތްވަރާ އެކު ތެދުވީއެވެ.

"މާލޭގައި އޮތް މުބާރާތެއްގައި ރާޅާއަލައިގެން ފުދޭ ވަރަކަށް ދުރަށް ދެވުނު އަޅުގަނޑަށް. އޭގެ ފަހުން އަދި އަޅުގަނޑު އުންމީދު ކަނޑައެއްނުލަން،"

އުންމީދު ގެއްލި މާޔޫސްކޮށްލާނެ ވަރުގެ ރާޅެއް ސުމަންގެ ގަޔަށް ބިންދައެއް ނުލައެވެ. އެ ރާޅުތަކުގެ ތެރެއިން ކަޓުވާލައި، އަޅާލަން އޭނާ ހުރީ ދަސްކޮށްގެންނެވެ. ކާމިޔާބުވާން އެންމެ މުހިންމީ އެ ހިތްވަރެވެ. އޭނާގެ މެސެޖަކީ ވެސް އެއީއެވެ. ހުއްޓައިނުލާށެވެ. ގަދައަށް މަސައްކަތްކުރާށެވެ. ވާނެއެވެ. ޔަގީނެވެ.

ސުމަން މޫދަށް ބަލަހައްޓައިގެން: އޭނާގެ ހުވަފެނީ ދުނިޔެއާ ގުޅިފައި އޮތީ އެ މޫދާ --

ސުމަން ވެސް އެ ހުރީ ހުވަފެނެއް ދެކިގެންނެވެ. އެއީ، ރާއްޖޭގެ އެއް ނަންބަރު ރާޅާއެޅުންތެރިއަކަށް ވުމެވެ.

އެ ކަމަށް އޮތީ ގަދައަޅާ މަސައްކަތްކުރުމެވެ. އެކަމަކު، ސުމަން ބުނާ ގޮތުގައި އެންމެ މުހިންމީ އެހެން ކަމެކެވެ. އެއީ، މީހުންނަށް އިހުތިރާމު ކުރުމެވެ. މޮޅު މީހުން ކައިރިން ދަސްކުރުމެވެ. ޑިސިޕްލިން ގެންގުޅުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިންމު ކަމަކީ މީހުންނަށް ރެސްޕެކްޓްކުރުން. ދެން އޭގެ އިތުރުން ރަނގަޅަށް ކައި، ރަނގަޅަށް ނިދާ، ރާޅާއެޅުމުގެ ކުރިން ކުރަންޖެހޭ ކަސްރަތުތައް ކުރުން،"

ސުމަންގެ އުންމީދަކީ އެ ހުވަފެންތައް ހަގީގަތަކަށް ވުމެވެ. ރާޅުތަކުގެ ތެރެއިން ހީލާފައި ގޮސް ރާއްޖޭގެ އެއްވަނައަށް އެރުމެވެ.

އެ ހިތްވަރާއި އަޒުމުގައި، އެ އުމުރުގައި، އެ ފަދަ އެހެން ހުވަފެންތަކުގެ ފަހާ ދުވަން ތިބި ޒުވާނުންނަށް ވެސް ސުމަންގެ މެސެޖު ސާފެވެ. "ގަދައަޅާ މަސައްކަތްކުރާށޭ، ހިތްވަރު އެލުވައިނުލާށޭ، ވާނެއޭ ހިތްވަރު އެލުވައިނުލައިފިއްޔާ،"

އެއީ ތެދެކެވެ. ސުމަންއަށް ވެސް ކުރިއަށް އޮތީ އެ ދަތުރެވެ.

comment ކޮމެންޓް