ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ ޔޫނުސްގެ ނުސީދާ ފާޑުކިޔުން އިންޑިއާއަށް

ބަންގްލަދޭޝްގެ ވަގުތީ ވެރިކަމުގައި ހުންނެވި ލީޑަރު މުޙައްމަދު ޔޫނުސް. ފޮޓޯ/ގެޓީ

އިންޑިއާގެ އިރު އިތުރު ސަރަހައްދުތައް ހިމެނޭ 'ސެވަން ސިސްޓާސް' އާއި ނޭޕާލް އަދި ބޫޓާން ހިމެނޭ ގޮތަށް ސަރަހައްދީ ގޮތުން އިގްތިސާދު ފުޅާކުރުމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ވަގުތީ ވެރިކަމުން ވަކިވެވަޑައިގެންފައިވާ ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވާހަކަ ދައްކަވައިފިއެވެ.

ވެރިކަމުން ވަކިވެވަަޑައިގަތުމުގެ ކުރިން ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވައި ޔޫނުސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބަންގްލަދޭޝްގެ ކަނޑަކީ ހަމައެކަނި ޖިއޮގްރަފިކަލް ބައުންޑަރީއެއް ނޫން ކަމަށާއި އެއީ ބަންގްލަދޭޝްއަށް ދުނިޔޭގެ އިގްތިސާދާ ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވާލެވިފައިވާ ދޮރެއް ކަމަށެވެ. ނޭޕާލާއި ބޫޓާން އަދި 'ސެވަން ސިސްޓަސް' އާއެކު މި ސަރަހައްދަކީ އިގްތިސާދީ ގޮތުން ވަރަށް ބޮޑު ފުރުސަތެއް އޮތް ސަރަހައްދެއް ކަމަށް ޔޫނުސް ވިދާޅުވިއެވެ.

ޔޫނުސްގެ ޚިޠާބުގައި ބަންގްލަދޭޝްގެ މިނިވަން ޚާރިޖީ ސިޔާސަތުގެ ސްޓޭންޑަށް އަލިއަޅުވާލައްވަމުން ވިދާޅުވީ އެގައުމުގެ "ސިޔާސަތާއި ކަރާމާތާއި މިނިވަންކަން" އަނބުރާ ލިބިފައިވާ ކަމަށާއި "މިހާރު އެހެން މީހުންގެ އިރުޝާދުތައް ބޭނުން ނުވާ" ކަމަށެވެ. އޭނާގެ ވާހަކަފުޅުތަކަކީ ސަރަހައްދީ ބާރުތަކާ، ޚާއްސަކޮށް އިންޑިއާއާ މެދު ހަރުކަށި ގޮތެއް ގެންގުޅޭ ކަމުގެ އިޝާރާތެއްގެ ގޮތުގައި ގިނަ ބަޔަކު މާނަކުރި ވާހަކަތަކެކެވެ.

ޔޫނުސް އިންޑިޔާގެ އިރުއުތުރުގެ ވާހަކަ ފާހަގަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބަންގްލަދޭޝްއާއި އިންޑިއާއި ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ވިދާޅުވާން އެންމެ އެކަށީގެންވާ ވާހަކަފުޅެއް ނޫނެވެ.

ބަންގްލަދޭޝްގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވި ބީއެންޕީގެ ތާރިގް އަބްދުއްރަހްމާން ހުވާކުރައްވަނީ. ފޮޓޯ/ވިއޯން

މީގެ ކުރިން 2025 ވަނަ އަހަރުގެ މާޗް މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޔޫނުސް ވަނީ އިންޑިއާގެ އިރުއުތުރު ސަރަހައްދަކީ ވަށައިގެން ހުސް ބިން އޮންނަ ސަރަހައްދުތަކެއް ކަމަށް ވިދާޅުވެ، ބަންގްލަދޭޝް އަކީ އެ ސަރަހައްދުގައި ހަމައެކަނި ކަނޑު އޮންނަ ގައުމު ކަމަށް ސިފަކުރައްވާފައެވެ. އެ ވާހަކަފުޅާއެކު ޔޫނުސްއަށް އޭރުވެސް ފާޑުކިޔުން އަމާޒުވިއެވެ.

އެ ވާހަކަތަކަށް އިންޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، އިންޑިއާގެ އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާވެސް ވަނީ ޔޫނުސްގެ ވާހަކަފުުޅު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އިންޑިއާއިން ވަނީ އޮޕަރޭޝަނަލް ކަންބޮޑުވުންތަކާ ގުޅިގެން އިންޑިއާގެ ކަސްޓަމްސް ސްޓޭޝަންތައް މެދުވެރިކޮށް ބަންގްލަދޭޝްއިން ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ޓްރާންސް ޝިޕްމަންޓް ފެސިލިޓީ އަނބުރާ ގެންދާކަން އިއުލާންކޮށްފައެވެ.

ޚިތާބުގައި ބޮޑެތި މަޝްރޫއުތަކުގެ ކުރިއެރުންތަކަށް އިޝާރާތް ކުރައްވައި، ޗައިނާއާ ގުޅުން ބަދަހި ކުރުމުގެ މައްޗަށްވެސް ޔޫނުސް އަލިއަޅުއްވާލެއްވިއެވެ.

"ޗައިނާއާ އެކު އޮތް ގުޅުންވެސް ބަދަހިކޮށްފިން. ޓީސްޓާ ރިވާ ޕްރޮޖެކްޓާއި 1000 އެނދުގެ އިންޓަނޭޝަނަލް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށްވެސް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވޭ." އޭނާ ވިދާޅުވިއެވެ.

ޔޫނުސްގެ ވަގުތީ ވެރިކަމުގެ ތެރޭގައި ގާނޫނާއި ގަވާއިދާއި މައިނޯރިޓީގެ ރައްކާތެރިކަމަށް ދިމާވި ދަތިތަކުގެ ސަބަބުން އެ ވެރިކަމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ވަދާއީ ޚިތާބުގައިވެސް އެތެރޭގެ މައްސަލަތަކަށްވުރެ ބޮޑަށް ޚާރިޖީ ސިޔާސަތުތަކުގެ ވާހަކަ ދެއްކެވުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ވަގުތީ ވެރިކަމުން ޔޫނުސް ވަކިވެވަޑައިގެންފައިވާއިރު، ބަންގްލްދޭޝްގެ އާންމު އިންތިޚާބު ކާމިޔާބުކުރި ޕާޓީ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ)ގެ ލީޑަރު ތާރިގް ރަހްމާން ވަނީ އެ ގައުމުގެ ޕާލަމެންޓް މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ.

comment ކޮމެންޓް