ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ދަތުރުތައް ބަދަލުކޮށް، އެއާޕޯޓުގެ ޓްރެފިކަށް ބަދަލު ގެނެސްފި

ވީއައިއޭގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް: ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސޓިކް ބަދަލުކޮށް، އެމްއޭސީއެލްއިން ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިން ބޭނުންކުރި އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ދަތުރުތައް މިއަދު ބަދަލުކޮށް، އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބަދަލުގެނެސްފިއެވެ.

އެއާޕޯޓް ކޮމްޕެނީން ބުނީ، މިއަދުން ފެށިގެން، ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން ދުއްވާ ވެހިކަލްތައް މަޑުކުރާނީ، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ކަމަށެވެ. އަދި އައު ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުންކުރި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ ޑޮމެސްޓިކުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ޓާމިނަލް އެކެއްގެ ޓެކްސީ ކިއު ބޭނުންކުރަން އެދިފައެވެ. އެ ބަދަލާއެކު އެއާޕޯޓުގެ ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެކަން އެ ކުންފުނިން ފާހަގަކުރެއެވެ.

https://sun.mv/218002

އެހެންކަމުން އެއާޕޯޓުން ޚިދުމަތް ހޯދާ މީހުން އެ ބަދަލުތަކަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި މަންޓާ އެއާއާއި ވިލާ އެއާއިންނެވެ.

ވެރިރަށް މާލެއަށް އައުމަށާއި، ރަށްރަށަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ދިވެހީން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާއިރު، ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެ ޓާމިނަލް ބޭނުންކުރެއެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްއިން އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް، ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 26ގައެވެ.

comment ކޮމެންޓް