މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ވަނީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ވޯޓު އަންނަ އޭޕްރިލް މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ރައީސް ގަރާރަކުން ނިންމަވައިފައިވާކަން އިއުލާންކޮށްފައެވެ.
މައި ދެ އިންތިޚާބު އެއްކޮށްލަން، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހެޅުއްވީ މިދިޔަ މަހެވެ. އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

ދެ އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކުރުމަށް ބޭއްވި ޖަލްސާ: ރައީސް ވަނީ އެކަމާ ގުޅޭ ވޯޓު ކައުންސިލް އިންތިޚާބާއެކު ބާއްވަން ނިންމަވައިފައި -- ފޮޓޯ/ މަޖިލިސް
އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ.
އެ އިސްލާހު އެއްވެސް ބަދަލެއް ނުގެނެސް، މިދިޔަ ހޯމަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރިއެވެ. އަދި ޖެހިގެން އައި ދުވަހު، އަނެއްކާވެސް ބަދަލެއް ނުގެނެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވޯޓާއެކު، ތަޅުމުން ވަނީ ފާސްކޮށްފައެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ވަނީ، އެ ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސް ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާ އިސްލާހުތަކެއް ކަމަށެވެ.
ގާނޫނުއަސާސީގައި ވަނީ، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރެއްވުމަށެވެ. އަދި އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ ބިލެއް ބާތިލުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންވެ އެ ވޯޓު، އަންނަ އޭޕްރިލް ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިޚާބާއެކު ބާއްވަވަން ރައީސް ނިންމެވި ކަމަށް ގަރާރުގައިވެއެވެ. އެ ވޯޓު ކަރުދާހުގައި އޮންނާނީ، ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީކުރެއްވުމަށް ފެނޭތޯއެވެ.
އެ ގަރާރު މިހާރު ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އީސީއަށް ހުށަހަޅައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.