ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ގާލާ ހަފުލާ މި އަހަރު ރާއްޖޭގައި

ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި -- ފޮޓޯ: އެމްއެމްޕީއާރުސީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" ޑަބްލިއުޓީއޭގެ އިންޑިއަން އޯޝަން ގާލާ ހަފުލާ މި އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެންމެ ފަހުން ރާއްޖޭގައި މި ތާރީޚީ ހަފުލާ ބާއްވާފައި ވަނީ މީގެ 10 އަހަރު ކުރިންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށް، 1993 ވަނަ އަހަރު ދޭން ފެށި، މިހާތަނަށް ވެސް އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއާލައިންތަކާއި، ހޮޓެލް ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަަރަކާތްތެރިވާ ފަރާތްތަކުން ފޯރުކޮށްދޭ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ.

މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.

ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފުލާ ބާއްވައި، އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ޚިދުމަތްތެރިން އަންނަނީ ހޮވަމުންނެވެ. އެގޮތުން ބޭއްވޭ ސަރަހައްދީ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ބާއްވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލްއެވެ.

އެމްއެމްޕީއާރުސީން ބުނީ ފާއިތުވި އަހަރުތަކުގައި އިންޑިއާ ކަނޑުގެ ސަރަހައްދީ ހަފުލާތައް ބާއްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އާ އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތަކުން ނަމޫނާ ދައްކަމުންދާ ގައުމުތަކުގައި ކަމަށެވެ.

އިންޑިއަން އޯޝަން ގާލާ ސެރެމަނީ އަލުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުމަކީ، ލަގްޒަރީ، ދެމެހެއްޓެނިވި އަދި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަމަހައްޓަމުންދާ ކުރިއެރުމާއި އިސްނެގުން ހާމަކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ވަނީ މެދުނުކެނޑި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ވިދިވިދިގެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ހަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ތަކުރާރުކޮށް ހޯދުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ލިބިފައިވާ ގިނަގުނަ އެވޯޑްތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ހަފުލާ އަލުން ރާއްޖައި ބޭއްވުމަކީ ރާއްޖެއިން މި ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

އެގޮތުން މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން "ވިޒިޓް މޯލްޑިވްސް ވީކް"ގެ ނަމުގައި ފަތުރުވެރިކަމާއި ސަގާފަތުގެ އިތުރުން މި ސިނާއަތުގެ ގުޅުންތައް ބަދަހިކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ވިޒިޓް މޯލްޑިވްސް ވީކްގެ ތެރޭގައި ސިނާއަތުގެ އިސް ފަރާތްތަކުގެ ފޯރަމްތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އައު އީޖާދުތަކާ ބެހޭ މުހިންމު މަޝްވަރާތަކާއި ބައިނަލްއަގުވާމީ މީޑިއާ އިވެންޓްތަކުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ދަތުރުތަކާއި ސަގާފީ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި އިންޑިއާ ކަނޑުގެ ގާލާ ހަފުލާއާ ގުޅުވައިގެން ތަފާތު ނެޓްވޯކިން އިވެންޓްތައްވެސް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް ވަނީ ބުނެފައެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއި ދުނިޔޭގެ ލީޑަރުން އެއް ތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަފުލާއަކީ، ފަތުރިވެރިކަމުގެ ސިނާއަތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ބާބެއް ބައްޓަންކުރުމަށް ލިބޭ ވަރުގަދަ މަންސައެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމާއި، އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމާއި ދުނިޔޭގެ އެންމެ މަގުބޫލު އަދި އިޙްތިރާމް ލިބިގެންވާ މަންޒިލްގެ ގޮތުގައި ރާއްޖެ ދެމިއޮތުން ކަށަވަރުކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

comment ކޮމެންޓް