އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 21:40 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ޑޭޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ދެ މީހުންނެވެ.
މި ހާދިސާގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސް އެކްސިޑެންޓުވީ ރޭގެ 21:59 އެހައިކަންހާއިރުއެވެ. ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ މި އެމްބިއުލާންސް ޖެހިފައިވަނީ ކާރެއްގައެވެ.
ނަމަވެސް، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްބިއުލާންސްގައި ޖެހުނު ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
ފުލުހުން ދަނީ މި ދެ އެކްސިޑެންޓުގެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫ ސިޓީގެ މަގުތަކަކީ އެކްސިޑެންޓުތައް ހިނގުން އާންމު މަގުތަކެކެވެ. ބާރު ސްޕީޑުގައި ކާރާއި ސައިކަލު ދުއްވާއިރު، އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމަށް ސަމާލުކަން ނުދެވުމުގެ ސަބަބުން މިފަދަ ކަންކަން ހިނގަން މަގުފަހިވެއެވެ.
ފުލުހުންނަށް އެންމެ ގިނަ ރިޕޯޓު ހުށަހަޅާ ކަންކަމުގެ ތެރޭގައި ވެސް އެކްސިޑެންޓުގެ މައްސަލަތައް ހިމެނެއެވެ.